ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ފައްޔާޒް އިސްމާއިލް އަންނަ ހޯމަ ދުވަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހާޒިރުކުރުމަށް ޗިޓު ފޮނުވައިފިއެވެ.
މިއަދު އެ ކޮމިޝަނުން ފައްޔާޒާށް ފޮނުވި ސިޓީގައި ވަނީ ސްވިފްޓް އިންޖިނީރިން ކުންފުންޏަށް ބަދަލު ދިނުމަށް ނިންމުމުގައި ފައްޔާޒު ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
އަދި ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑަށް ލިބެންނުޖެހޭ މަންފާއެއް ހޯދައިދިނުމުގެ މަގުސަދުގައި މަސައްކަތްކުރުމުގެ އިތުރުން ފައްޔާޒްގެ އެ އަމަލުގެ ސަބަބުން ދައުލަތަށް ގެއްލުންވެފައިވާ ކަމަށް ވެސް އޭސީސީން ތުހުމަތުކޮށްފައި ވެއެވެ.
ހޯމަ ދުވަހު ހެނދުނު 09:30 އަށް އެ ކޮމިޝަން ހިންގާ މ. ފިނިވަރު، ހަތްވަނަ ފަންގިފިލާއަށް ހާޒިރުވުމަށް ފޮނުވާފައިވާ ޗިޓު އެކްސްގައި ހިއްސާ ކުރަމުން ފައްޔާޒް ވިދާޅުވީ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް ދައުލަތަށް ގެއްލުން ލިބޭ ގޮތަށް އަމަލުކޮށްފައި ނުވާނެ ކަމަށެވެ. އަދި އިންސާފުވެރި ތަހުގީގެއް އޭސީސީން ކުރާނެ އަދި ކުރެވޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި ފާއިތުވި ދެ އަހަރަކީ މުއިއްޒު ސަރުކާރުން ދައުލަތުގެ ފާރަވެރިވުމުގެ ނިޒާމު އެއްކޮށް ފުނޑާލި ދެ އަހަރު ކަމަށް އެމްޑީޕީގެ ޗެއާޕާސަންކަންވެސް ކުރައްވަމުންދާ ފައްޔާޒް ވަނީ ތުހުމަތު ކުރައްވާފައެވެ.
"ވަޒީފާގެ ޔަގީންކަން ހޯދުމަށް ޒިންމާދާރު މަގާމުތަކުގައި ތިބި މީހުން މުއިއްޒު އަންގަވާހާ ގޮތަކަށް ކަންކަން ކުރަމުން އަންނަކަން ދިވެހިންނަށް ވަރަށް ސާފު. ސިޔާސީ ނުފޫޒުގައި ޖެހި ވަކި އަތަކަށް ޖެހިގެން ތަހުގީގު ހިންގާ މީހުންނާ ގާނޫނު އަރާ ހަމަކުރާނެ،" ފައްޔާޒް އެކްސްގައި ހިއްސާ ކުރެއްވިއެވެ.
އަދި މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ގާނޫނުއަސާސީއަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށާއި މިނިވަން މުއައްސަސާތައް މިނިވަން ކުރަން ޖެހިފައިވުމުގެ މުހިންމުކަން ސާފުވާ ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ވެސް ދައުލަތް ބޭނުންކޮށްގެން "ބިރުދައްކަން" މަސައްކަތްކޮށް، ޖަލަށްލީ ނަމަވެސް ޑިމޮކްރެޓިކް ރާއްޖެ ރައްޔިތުންނަށް އަސާސީ ހައްގުތައް ކަށަވަރުކޮށްދޭން ކުރަން ޖެހޭ މަސައްކަތް ކުރުމުގައި ރައްޔިތުން ފަހަތަކަށް ނުޖެއްސޭނެ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.
ފައްޔާޒްގެ އިތުރުން ވެސް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަދި ކުރީގެ ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތުގެ މައްސަލަތަކެއް އޭސީސީން ދަނީ ބަލަމުންނެވެ.