މިދިޔަ އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކުރި އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުގެ ސީނިއާ ސްޓޭޓް ކައުންސެލް ފައެނާ ފައްޔާޒް ބަންދުން ދޫކޮށްލައި އޭނާގެ ފިރިމީހާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.

ފައެނާ އާއި އޭނާގެ ފިރިމީހާ ހައްޔަރު ކުރި ކޭސްއާ ގުޅިގެން ފުލުހުން އާންމު ކުރި މައުލޫމާތަށް ބަލާއިރު، އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން އެޕާޓްމަންތެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި އެ އެޕާޓްމަންޓުން މަސްތުވާތަކެތި ފެނުމާ ގުޅިގެން 2 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ނަމަވެސް މި މައްސަލައިގައި އެ އެޕާޓްމަންޓުން ފެނުނީ ކިހާ އަދަދެއްގެ މަސްތުވާތަކެއްޗެއް ކަމާއި އަދި މައްސަލައިގައި ހައްޔަރު ކުރި ދެމީހުންގެ ވަނަވަރު ވެސް ފުލުހުން އާންމުކޮށްފައެއް ނުވެއެވެ.

މި މައްސަލައިގައި މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ގެންގޮސްފައިވާ އިރު، ފައިނާ ވަނީ ޝަރުތުތަކަކާއެކު ދޫކޮށްލަން އަމުރުކޮށްފައެވެ. މީގެ ކުރިން ވެސް ކުށުގެ އެއްވެސް ރިކޯޑެއްވެސް ނެތް ފައިނާ ވަނީ އެ އެޕާޓްމަންޓުން ފެނުނު މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި އެ މަސްތުވާތަކެތި ހުރި އަލަމާރީގެ ކަބަޑަކީ އޭނާގެ ފިރިމީހާގެ ސާމާނު ބަަހައްޓާފައި ހުންނަ ކަބަޑެއް ކަމަށް ވެސް ފައެނާ ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ސީންއަށް ގޮސް ފުލުހުން އެ ގެ ބަލައި ފާސްކުރި އިރު ފައެނާގެ ފިރިމީހާ ވަނީ އެއީ އޭނާގެ އެއްޗެއް ކަމަށް ބުނެ އިއުތިރާފްވެފައެެވެ. އަދި ފައެނާގެ ހެދި ޓެސްޓުތަކުން އޭނާ މަސްތުވާ ތަކެއްޗަށް ޕޮޒިޓިވްވެފައި ނުވާ ކަމަށް ވެސް ކޯޓުގައި އޭނާ ވިދާޅުވެފައި ވެއެވެ. އަދި މި މައްސަލައިގައި އޭނާގެ ފަރާތުން އެއްބާރުލުން ދޭނެ ކަމަށް ވެސް ފައެނާ ވިދާޅުވެފައި ވެއެެވެ.