ގިނަ އަދަދެއްގެ ފައިސާ ހުރި ފޮއްޓެއް ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރިތާ ގިނައިރުތަކެއް ނުވެ ހޯދައިފިއެވެ.

ފުލުހުން ބުނީ، އިއްޔެގެ މެންދުރުގެ ވަގުތެއްގައި 53،000 ރުފިޔާ ހުރި ފޮއްޓެއް ގެއްލިގެން އެ އިދާރާއަށް ރިޕޯޓު ކުރި ކަމަށެވެ.

އަދި އެއީ ރިސޯޓެއްގެ ސްޓާފް ޝޮޕްގެ ސެޕްޓެމްބަރު މަހުގެ ސޭލްސް ފައިސާކަމަށްވާ 53،000 ރުފިޔާ ކަމަށް ވެއެވެ.

މި ފޮށި ގެއްލިފައިވަނީ އެ ރިސޯޓުން މާލެ އައި ލޯންޗު ނަސަންދުރަ ކައިރިއަށް ފައިސާތަކާއެކު ފޮށި ބާލާފައިވަނިކޮށް ކަމަށާއި މި މައްސަލަ ހޭންވޭރު ޕޮލިސް ސްޓޭޝަނަށް ހުށަހެޅުމާއެކު، ފޮށި ހޯދުމަށް ސީސީޓީވީ ކެމެރާ ފުޓޭޖްތައް ބަލާ ހޯދާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަދި ފުލުހުން ކުރި މަސައްކަތުން މައްސަލަ ހުށަހެޅުނުތާ 30 މިނިޓެއް ހާއިރުތެރޭ ފޮށި ހޯދާފައިވާއިރު ފޮށި ފެނުނީ އެހެން ލޯންޗަކަށް އަރުވާފައިވަނިކޮށް ކަމަށް ވެސް އެ އިދާރާއިން ވަނީ މައުލޫމާތު ދީފައެވެ.

މި ފައިސާތައް ވެރިފަރާތާ ހަވާލުކޮށްފައިވާއިރު މީގެ ކުރިން ވެސް ގެއްލޭ އަގު ބޮޑެތި ބައެއް ސާމާނާއި ފައިސާ ފުލުހުންގެ އެހީތެރިކަމާއެކު ހޯދާފައި ވެއެވެ.