އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ކުރިއަށް ގެންދިޔުމަށް ނިންމާފައި ވާ އާންމު ވޯޓުގައި ސަރުކާރުގެ ވަކި ސްޓޭންޑެއް ނެތްކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުން އިހުތިޔާރު ކުރާ ވަކި ނަތީޖާއެއް ވެސް ނެތް ކަމަށާއި ރައްޔިތުންގެ މެޖޯރިޓީ އިން ނިންމަވާ ކޮންމެ ނިންމުމެއް ސަރުކާރުން ތަންފީޒު ކުރައްވާނެ ކަމަށެވެ.
އައްޑޫ ސިޓީގެ ކައުންސިލް އެކުލެވިފައި ވާ ގޮތަށް ބަދަލު ގެންނަން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައި ވުމާއެކު މި ހިނގާ އޮކްޓޯބަރު މަހުގެ 24 ނުވަތަ 25 ގައި އެ ވޯޓު ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައި ވާގޮތަށް ބަދަލު ގެންނަން ބޭނުންވާ ކަމަށް އައްޑޫ ސިޓީގެ ބައެއް ފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވާފައިވާ ކަމަށާއި އެމައްސަލައާ ގުޅިގެން، އައްޑޫ ސިޓީގެ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމާބެހޭ ގޮތުން ކުރަންޖެހޭ އިންތިޒާމުތައް ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.
ޢާންމު ވޯޓުގައި ރައްޔިތުންގެ ހިޔާލު ހޯދަނީ، އައްޑޫ ފޭދޫ، އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ ނަމުގައި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށާއި، އައްޑޫ ހުޅުދޫ އާއި އައްޑޫ މީދޫ، އެއް ރަށު ކައުންސިލެއްގެ ދަށުން ހިންގުމަށްޓަކައި، އައްޑޫ ހުޅުމީދޫ ކައުންސިލް އުފައްދަން ފެނޭތޯ ބެލުމަށެވެ. އެ ރަށްރަށުގެ ރަޖިސްޓްރީގައިވާ ވޯޓުލުމުގެ ހައްގު ލިބިފައިވާ ހުރިހާ ރައްޔިތުންނަށް މި ވޯޓުގައި ބައިވެރިވެވޭނެއެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި މިހާރު އޮންނަނީ ސިޓީ ކައުންސިލެކެވެ.