އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލްތަކެއް އުފައްދަން ފެނޭތޯ ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދަން ނަގާ ވޯޓު މި މަހުގެ 24 ނުވަތަ 25 ވަނަ ދުވަހު ބާއްވަން ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެންނަން ބޭނުންވާ ކަމަށް އައްޑޫ ސިޓީގެ ބައެއް ފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅިގެން، އައްޑޫ ސިޓީގެ ރައްޔިތުން އެދޭ ގޮތާއި، ރައްޔިތުންގެ ހިޔާލު ހުރިގޮތް ދެނެގަތުމަށްޓަކައި، ގާނޫނު ނަންބަރު 2025/15 (ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނު) އާއި އެއްގޮތްވާ ގޮތުގެ މަތިން، އައްޑޫ ސިޓީގެ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމާބެހޭ ގޮތުން ކުރަންޖެހޭ އިންތިޒާމުތައް ކުރުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމާފައެވެ.
އެގޮތުން ވަޒީރުންގެ މަޖިލީހުން ވަނީ، އައްޑޫ ފޭދޫ، އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ ނަމުގައި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށް އައްޑޫ ސިޓީގެ ހުޅުދޫއާއި މީދޫއާއި ފޭދޫގެ ރައްޔިތުންގެ މެދުގައި އާންމު ވޯޓު ނެގުމަށް ނިންމަވައި، އައްޑޫ ހުޅުދުއާއި އައްޑޫ މީދޫ، އެއް ރަށު ކައުންސިލެއްގެ ދަށުން ހިންގުމަށްޓަކައި ދެ ރަށުގައި އެއް ކައުންސިލް (އައްޑޫ ހުޅުމީދޫ ކައުންސިލް) އުފައްދަން ފެނޭތޯ ބެލުމަށް މި ވޯޓުގައި ހިމެނުމަށް ނިންމަވާފައެވެ. އެ ރަށްރަށުގެ ރަޖިސްޓްރީގައިވާ ވޯޓުލުމުގެ ހައްގު ލިބިފައިވާ އެންމެން ބައިވެރިވާ ގޮތަށް، މި ވޯޓު ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ، މި މަހުގެ 24 އަދި 25 ވާ ހަފުތާ ބަންދުގެ ތެރެއިން ދުވަހެއް ގައެވެ.
މީގެއިތުރުން އާންމު ވޯޓުގެ ކުރިން، ވޯޓުގެ ނަތީޖާއާ ގުޅިގެން އައްޑޫ ސިޓީގެ ރަށްރަށުގެ އިހްތިސާސަށް އަތުވެދާނެ ބަދަލުތައް ދެނެގަތުމަށްޓަކައި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން އިސްނަގައިގެން މިނިސްޓްރީ ލެވެލްގެ ޓީމެއް އެކުލަވާ، އެޓީމުގެ ދަށުން އައްޑޫގެ ކޮންޓެކްސްޓް އެނގޭ ފަންނީ ޓީމެއް އެކުލަވާލައިގެން އައްޑޫ ސިޓީގެ ރަށްރަށުގެ އިހްތިސާސާ ގުޅޭ މަސައްކަތްތައް ފެއްޓުމަށް ވެސް ވަނީ ނިންމަވާފައެވެ.