ގދ. ތިނަދޫ ސިޓީގައި މަގު ހުރަސްކުރަން ދުވެފައި ދިޔަ 6 އަހަރުގެ ކުއްޖެއްގެ ގައިގައި ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލަކުން ޖެހި އެކްސިޑެންޓު ވެއްޖެއެވެ.

މިކަމާ ގުޅިގެން މައުލޫމާތު ހިއްސާ ކުރަމުން ފުލުހުން ބުނީ ތިނަދޫ ސިޓީ، އާބާދީ ހިނގުމުން ހުޅަނގަށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް، ދުވެފައި މަގު ހުރަސްކުރި 6 އަހަރުގެ ފިރިހެން ކުއްޖެއްގެ ގައިގައި ޖެހި އެކްސިޑެންޓު ވެފައިވާ މައްސަލަ އިއްޔެ 18:16 އެހާކަންހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގައި އަނިޔާވި ކުއްޖާއަށް މިހާރު ޑރ. އަބްދުލް ސަމަދް މެމޯރިއަލް ހޮސްޕިޓަލުގައި މިހާރު ގެންދަނީ ދަރުވާ ދެމުން ކަމަށެވެ. ކުއްޖާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައިނުވާއިރު ފުލުހުން ބުނީ މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ދުއްވާފައިވަނީ ލައިސަންސް ނެތް މީހެއް ކަމަށެވެ.

އިތުރަށް ފުލުހުން ބުނީ މި އެކްސިޑެންޓާއި ގުޅިގެން ސައިކަލު ދުއްވަން އިން 21 އަހަރުގެ ދިވެހި ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި އެކްސިޑެންޓުވުމުންވެސް މަޑުނުކޮށް އޭނާ ގޮސްފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި ސައިކަލު މިހާރު ޓޯކޮށްފައިވާ ކަމަށާއި، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި މިދިޔަ މަހުވެސް ތިނަދޫގައި ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ދެ މީހަކަށް އަނިޔާވެފައެވެ. ދޭތެރެ ދޭތެރެއިން މިފަދަ ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާފައިވާއިރު ބައެއް އެކްސިޑެންޓުތަކުގައި ވަނީ އެކި މީހުންގެ ފުރާނަ ވެސް ގޮސްފައެވެ.