އެމްޑީޕީއިން ގައުމު ހަލަބޮލިކުރަން މަސައްކަތް ކުރަނީ ނިމިދޔަ ސަރުކާރުގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބަލާނެކަން ޔަގީންވުމުން ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ހަލީލް މިފަދައިން ވިދާޅުވީ އެމްޑީޕީއިން މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތައް އިޝާރަތް ކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ހަލީލް ވިދާޅުވީ އެމްޑީޕީގެ ވެރިން ހިންގާފައިވާ ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ބަލާނެކަން ކަށަވަރުވުމުން އަނެއްކާވެސް ގައުމު ހަލަބޮލިކުރަން މަސައްކަތްކުރަމުންދާ ކަމަށެވެ.
ފުލުހުންނަށް ހަމަލާދީ، ދައުލަތުގެ މުދަލަށް ގެއްލުން ދިނުން އެއީ އެމްޑީޕީގެ މުޒާހަރާތަކުގައި އާންމު ކަމެއް ކަމަށް ހަލީލު ވިދާޅުވިއެވެ. އަދި މިއަދު މުޒާހަރާގެ އަމާޒު ވެސް ހުރީ އެގޮތަށް ކަމަށްވުން އެކަށީގެންވާ ކަމަށް ހަލީލު ވަނީ ވިދާޅުވެފައެވެ.
”ލޫޓުވާލައިފި، ލޫޓުވައިފި“ގެ ނަމުގައި އެމްޑީޕީއިން އާޓިފިޝަލް ބީޗުގައި މިރޭ 8:30ގައި ހަރަކާތެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެ ހަރަކާތުގައި ބައިވެރިވުމަށް އަތޮޅުތަކުގެ އެކިއެކި ރަށްރަށުން ވެސް މީހުން ދަނީ މާލެ އަންނަމުންނެވެ.