ކުންފުނިތަކުން ކޮރަޕްޝަން ހުއްޓުވަން އޮޑިޓަރުން ދޭ އިރުޝާދުތައް ތަންފީޒުކުރަން ޖެހޭކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިފަދައިން ވިދާޅުވެފައިވަނީ ދައުލަތުގެ އިންޓާނަލް އޮޑިޓް ކޮންފަރެންސް 2025 ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން ރައީސް ވިދާޅުވީ ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ ކޮރަޕްޝަނާ ދެކޮޅު ރައްޔިތުންގެ އިތުބާރާއި މަންފާ ލިބޭ ތަންތަން ކަމުގައި ހެދޭނީ އިންޓާނަލް އޮޑިޓް ހަރުދަނާކޮށް މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ މަގުފަހިކޮށްދީގެން ކަމަށެވެ.
އަދި އޮޑިޓަރުން ދޭ އިރުޝާދުތަކާއި ލަފާތައް ތަންފީޒުކުރަން ޖެހޭކަން ފާހަގަކޮށް ނައިބު ރައީސް ވިދާޅުވީ ކުންފުނިތަކަށް އާންމުންކުރާ އިތުބާރު ދެމެހެއްޓުމުގެ ބޮޑު ދައުރެއް އިންޓާނަލް އޮޑިޓަރުން އަދާ ކުރާ ކަމަށެވެ.
ނައިބު ރައީސް އިތުރަށް ވިދާޅުވީ އިންޓާނަލް އޮޑިޓަރުންގެ މަސައްކަތުގައިވެސް ގިނަ ގޮންޖެހުންތަކެއް ދިމާވާކަމަށާއި، އެކަންކަން ހައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން ދާކަމަށެވެ. މި ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ 2026 އިން 2028 އަށް އެކުލަވާލެވިފައިވާ ރިސްކް މެނޭޖްމަންޓް ފްރޭމްވޯކާއި ސްޓޭޓް އިންޓާނަލް ކޮމިޓީގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންވެސް އިފްތިތާހްކޮށްދެއްވާފައެވެ.
އެގޮތުން ނައިބު ރައީސް ވިދާޅުވީ މިއީ މާލީ އިދާރާގެ ސްޓްރެޓީޖިކް ލަނޑުދަނޑިތައް ހާސިލްކުރުމަށް ދިމާވާ ދަތިތައް ހައްލުކުރުމަށާއި، ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާސިލުވުމަށް އެހީވެދޭނެ ކަމެއް ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި އިންޓާނަލް އޮޑިޓް ކޮންފަރެންސްގެ މިއަހަރުގެ ޝިއާރަކީ "ބަދަލުވަމުންދާ ވެއްޓެއްގައި ޖަވާބުދާރީ ކުރުވުމުގައި އިންޓާނަލް އޮޑިޓްގެ ދައުރާއި، އާންމު މަސްލަހަތު ކުރިއެރުވުން" މިއެވެ. މަސައްކަތުގައި އިންޓާނަލް އޮޑިޓަރުންނަށް ދިމާވާ ހިރާސްތަކަށް އޮޑިޓަރުން ސަމާލުވުމަށްވެސް ނައިބު ރައީސްގެ ވާހަކައިގައި ވަނީ އިރުޝާދުދެއްވާފައެވެ.