އަންނަ އަހަރުން ފެށިގެން ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުން ފުރުސަތު ދޭނީ ސްކްރީންކުރުމަށްފަހު ކަމަށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ބުނެފިއެވެ.

އެ މަރުކަޒުން ބުނީ މިގޮތަށް އަމަލުކުރަން ނިންމާފައިވަނީ ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ފެންވަރު މަތިކުރުމަށް ކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ އެކަޑެމިކް ކޯޑިނޭޓާ އަލީ ވަހީދު އަބްދުއްރަހްމާން ވިދާޅުވީ، ޤުރުއާން މުބާރާތުގެ ފެންވަރު އިތުރަށް މަތިކުރުމަށް ބައެއް ބަދަލުތައް ގެނައުމަށް ނިންމަވާފައިވާކަމަށެވެ. އެގޮތުން އަންނަ އަހަރުން ފެށިގެން ކީރިތި ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް ބާއްވަމުންދާނީ އެކި ބުރުތަކަށް ބަހާލައިގެންކަމަށާއި ކޮންމެ ބައިވެރިއަކަށްވެސް ފުރުސަތު ލިބޭނީ ސްކްރީންކޮށްގެންކަމަށެވެ.

މުބާރާތުގައި ބައެއް ދަރިވަރުންގެ ފަރާތުން ގައުމީ މުބާރާތެއްގައި ފެންނަންޖެހޭ ސީރިއަސްކަން ފެނިގެން ނުދާކަން ފާހަގަކޮށް އަލީ ވަހީދު ވިދާޅުވީ ސްކްރީންކޮށްގެން ބައިވެރިވުމުގެ ފުރުސަތު ހުރިހާ ފަރާތަކަށްވެސް ދިނުމުން އެކަމަށް ހައްލު އަންނާނެކަމަށާއި، އޭރުން މުބާރާތުގެ ފައިނަލަށް ދާނީ އެންމެ ވާދަވެރި އަދި އެންމެ ފެންވަރު މަތި ކުދިންކަމަށެވެ.

މިއަހަރުގެ ގައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި 1023 ކުދިންވަނީ ކިޔަވާފައިވާއިރު މިމުބާރާތުގެ ނަތީޖާފާޅުކުރުން އޮކްޓޯބަރު މަހުގެ 11 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.