މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި، ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން 3 މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މާލެ / މއ. މަޒާގެ، މުހައްމަދު އައިޝް އަހްމަދު (34އ)، މާލެ / މއ. މަޒާގެ، އާމިނަތު އިއްލިއްޔީން އަހްމަދު (25އ) އަދި ހދ. ކުޅުދުއްފުށި / މަރިޔާޒް، އިނާޔަތު އަލީ (34އ)އެވެ.
ފުލުހުން ބުނީ އެ 3 މީހުން ވެސް ހައްޔަރުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
އެ އޮޕަރޭޝަނުގައި އެ މީހުންނާ ގުޅުންހުރިކަމަށް ބެލެވޭ މާލޭގެ 2 ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބިޑިއަކާއި ރަބަރު ޕެކެޓުތަކެއް ފެނިފައިވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ. އަދި އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 1246 ގުރާމް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅިގެން 3 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އައިޝް 10 ދުވަހަށް އަދި އިއްލިއްޔީނާއި އިނާޔަތު 7 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ކޯޓު އަމުރުން އެނގޭ ގޮތުގައި އިނާޔަތާއި އިއްލިއްޔީންގެ ކުޑަކަމުތާކެތި ވަނީ މަސްތުވާތެކެއްޗަށް ޕޮޒިޓިވްވެފައެވެ. އަދި އިނާޔަތު ދިރިއުޅޭ ގެއިން މަސްތުވާތަކެއްޗާއި ދުންފަތާ އެއްކޮށްފައިވާ ބިޑިއެއް ފެނިފައިވާކަން ފާހަގަކޮށްފައިވެއެވެ.
ފުލުހުން އިތުރަށް ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.