ހައިކޯޓުގެ ފަނޑިޔާރުކަމަށް ފެމިލީ ކޯޓުގެ އިސްގާޒީ އިބްރާހިމް މާހިރު އައްޔަން ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) މިއަދު ނިންމައިފިއެވެ.

ޖޭއެސްސީން މިގޮތަށް ނިންމާފައިވަނީ މިއަދު ހެނދުނު ބޭއްވި ބައްދަލުވުމެއްގައެވެ. މި މަގާމަށް 14 ބޭފުޅަކު ކުރިމަތިލިއިރު މައުލޫމާތު ލިބިފައިވާ ގޮތުގައި އިބްރާހިމް މާހިރަކީ އެންމެ މަތިން މާކްސް ލިބިވަޑައިގެންނެވި ބޭފުޅާއެވެ.

މި މަގާމަށް މާހިރު އައްޔަން ކޮށްފައިވަނީ ޖޭއެސްސީގެ މެމްބަރުންގެ އިއްތިފާގުންނެވެ.

ފާހަގަކުރެވޭ ގޮތުގައި ފަނޑިޔާރުންގެ ބެންޗުން ހުސްވި މަގާމަށް ކުރީގެ ޑެޕިއުޓީ މިިނިސްޓަރު މުހައްމަދު ޝަހީދު އައްޔަން ކުރުމަށް ފުރަތަމަ ޖޭއެސްސީން ނިންމުމާއެކު ވަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

ޕްރޮސެކިޔުޓާ ޖެނެރަލް އޮފީހުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އަހުމަދު ނައުޝާދު ހުށަހެޅި ޝަހީދުގެ މައްސަލައިގައި ޝަހީދު ހައި ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރަން ނިންމި ނަމަވެސް އޭނާގެ ޝަރުތު ހަމަނުވާކަން ފާހަގަކޮށްފައެވެ. އެއާއެކު ޝަހީދު ވަނީ އޭނާގެ ނަން އަނބުރާ ނެގުމަށް އެދި ޖޭއެސްސީއަށް ސިޓީ ފޮނުވާފައެވެ.

ހައިކޯޓުގެ 2 ފަނޑިޔާރުންގެ މަގާމު ހުސްވެފައި ވަނީ އެ ކޯޓުގެ ދެ ފަނޑިޔާރަކު ސުޕްރީމް ކޯޓަށް އައްޔަން ކުރުމާއި ގުޅިގެންނެވެ.