ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީ ހިދުމަތް ޒޯން 4 ގައި ހިމެނޭ ތ. އަތޮޅުގައި ރަސްމީކޮށް ފައްޓަވައި ދެއްވައިފިއެވެ.
މި ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީގެ އިތުރުން ތ އަތޮޅު އަދި ރަށު ކައުންސިލްތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ތ. އަތޮޅުގައި މި ހިދުމަތް ދޭނީ ހަފުތާއަކު 6 ދުވަހު، 2 ސްޕީޑް ފެރީ މެދުވެރިކޮށް، 5 ރޫޓަކުންނެވެ. ފެރީ ހިދުމަތުގެ ޝެޑިއުލް އާރްޓީއެލްގެ ވެބްސައިޓާއި ޓްރެވަލް އެޕް މެދުވެރިކޮށް ބެލޭނެއެވެ. އާރްޓީއެލްގެ ފެރީތަކަކީ 50 ފަސިންޖަރުންނަށް އަރާމުކޮށް ދަތުރުކުރެވޭ އެއާކޮންޑިޝަން އުޅަނދުތަކެކެވެ. މި އުޅަނދުތަކުގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވީލްޗެއާ އަދި ސްޓްރެޗާގެ ޖާގަ ހާއްސަކޮށްފައި ވެއެވެ.
ފަސޭހައިން އެއްރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ ގައުމީ ފެރީ ނިޒާމެއް ގާއިމުކުރުމަށް ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެ ދަށުން މިހާރު ޖުމުލަ 12 އަތޮޅެއްގައި އާރްޓީއެލްގެ ހިދުމަތް ލިބޭނެއެވެ. އަދި ބާކީ 8 އަތޮޅުގައި ވެސް މި ހިދުމަތް ފެށުމަށް މަސައްކަތްތައް ކުރިއަށްދާ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ. އެމްޓީސީސީގެ މަގްސަދަކީ އެކަށީގެންވާ އަގެއްގައި ލުއިފަސޭހަ ދަތުރުފަތުރުގެ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. ތ. އަތޮޅުގައި މި ހިދުމަތް ފެށުމާއެކު، އެ އަތޮޅުގެ ރައްޔިތުންނަށް އިގްތިސޯދީ އަދި އިޖުތިމާއީ ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އާރްޓީއެލް ފެރީ ހިދުމަތްދޭ އަތޮޅުތަކުގެ ތެރެއިން ޕްލޭނިން މިނިސްޓްރީން އެފްޖޭއެސް ކޮންސަލްޓިން އާ ހަވާލުކޮށްގެން ހެދި ދިރާސާ އިން ބުނާ ގޮތުގައި ސާވޭގައި ބައިވެރިވި، 86 ޕަސެންޓް މީހުން ގަބޫލު ކުރާ ގޮތުގައި އާރްޓީއެލްގެ ސަބަބުން ގޭބިސީގެ ދަތުރުފަތުރުގެ ހަރަދު ވަނީ ކުޑަވެފައެވެ. ދަތުރުފަތުރުގެ ހަރަދު ކުޑަވެ، އޭގެ ސަބަބުން ލިބޭ ސޭވިންގެ ސަބަބުން އިގްތިސޯދީ ހާލަތާއި އާއިލާތަކާއި ގޭބިސީތަކުގެ މާލީ ތަނަވަސް ކަން އިތުރުވެގެން ދެއެވެ.
އާރްޓީއެލް ފެރީތަކަކީ 30 ނޮޓްގެ ބާރުމިނުގައި ދުވާ ފެރީތަކެކެވެ. މި ފެރީތަކަކީ އެމްޓީސީސީން ކުރިން ބޭނުންކުރަމުން އައި ފެރީތަކުގެ ސްޕީޑަށްވުރެ 3 ގުނަ އަވަސް ފެރީތަކެކެވެ.