ތ. ވިލުފުށީ މަސްޖިދު އުމަރު ފާރޫގްއަކީ އިސްލާމީ މަރުކަޒެއް ކަމުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ.
މިގޮތަށް ކަނޑައަޅުއްވާ އެކަން އިޢުލާން ކުރެއްވީ ރޭ އެރަށު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ. މި ނިންމުން ނިންމަވާ، އެތަނަށް ބޭނުންވާ ލައިބްރަރީ އާއި ކްލާސްރޫމާއި އެހެނިހެން ވަސީލަތްތައް ގާއިމްކުރައްވާނެކަމަށް ރައީސް ވަނީ އިއުލާން ކުރައްވާފައެވެ.
މިއީ ވިލުފުށީ ރައްޔިތުންގެ އެދުމުގެ މަތިން ރައީސުލްޖުމުހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
މި މިސްކިތުގައި ޤުރުއާނާއި ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ހިންގަމުންދާއިރު ގުރުއާން ހިފްޒު ކުރުމުގެ ޕްރޮގްރާމް ވެސް ކުރިއަށްދެއެވެ. ހިފްޒު ކްލާސްތައް ހިންގަމުންދަނީ ރާއްޖޭން ބޭރު ޓީޗަރެއް މަރުކަޒުގެ ބެލުމުގެ ދަށުންނެވެ.
ވިލުފުށީ މަސްޖިދު އުމަރު ފާރޫގް މިސްކިތަކީ ރާއްޖޭގައި ދެވަނައަށް އެންމެ ބޮޑު މިސްކިތެވެ. މިއީ ނަލަހިޔާ ގްރޫޕްގެ ފަރާތުން ތ. ވިލުފުށީގައި ބިނާކޮށްފައިވާ މިސްކިތެކެވެ.