އެސްޓީއޯ މެދުވެރިކޮށް ބާޒާރުގައި ވިއްކުމަށް ނިންމި ކާބޯތަކެތީގެ ތެރޭގައި މިރުސް ހިމެނިފައިވީ ނަމަވެސް އެކަން ސަރުކާރުން ކުރަމުންގެންދާނީ ކަނޑޫދޫގެ ވިޔަފާރިވެރިންނަށް އެކަމުގެ އެއްވެސް ގެއްލުމެއް ނުވާގޮތަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކޮޅުމަޑުލު ކަނޑޫދޫ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ކަނޑޫދޫއަކީ ރާއްޖޭގެ ދަނދުވެރިކަމުގައި މިރުސް ހެއްދުމަށް މުހިއްމު ރަށެއްކަން ފާހަގަކުރައްވައި، އެމަނިކުފާނު ވަނީ ކަނޑޫދޫ ވިޔަފާރިވެރިން މިރުސް ވިއްކާ އަގުގައި ގަނެގެން، އެފައިދާ ރައްޔިތުންނަށް ލިބޭގޮތަށް އެސްޓީއޯއިން އެކަން ކުރިއަށް ގެންދަވާނެކަމުގެ ޔަގީންކަންދެއްވާފައެވެ. އަދި ރަށުގެ ދަނޑުވެރިންނަށް ލިބޭފައިދާ އިތުރުކޮށްދިނުމަށް ބޭނުންފުޅުވާކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ ހަރަދުކުޑަގޮތެއްގައި ކަނޑޫދޫގައި މިރުސްހެއްދުމަށް މިހާރުހުރި ދަތިތައް ކުޑަކޮށްދެއްވުމަށް ދަނޑުވެރިކަމާބެހޭ ވުޒާރާގެ ޓީމެއް ކަނޑޫދޫއަށް ފޮނުވުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވެފައެވެ.
ރަށުގެ ތަރައްގީގެ މަޝްރޫއުތަކަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިހާރު ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއު، ކުރުމުއްދަތެއްގެ ތެރޭގައި ނިންމުމަށް ސަރުކާރުން މަސައްކަތް ރާވާފައިވާގޮތާއި، އެމަސައްކަތް ލަސްވަމުންދާ ސަބަބު ސާފުކޮށްދެއްވާފައެވެ. އެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވާ ފަރާތާއެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލައްވައިގެން ނުވަތަ އެމްޑަބްލިޔުއެސްސީ އާއި ހަވާލުކުރައްވައިގެން ކުރިއަށްގެންދެވުމާމެދު ސަރުކާރުން ވަރަށް އަވަހަށް ގޮތެއްނިންމަވާނެކަމަށް އެމަނުކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރަށު ސްކޫލްގެ އުމުރާނީ މަސައްކަތާއި، ހެލްތު ސެންޓަރުގެ މަސައްކަތް އަދި ކުޅިވަރު ކުޅޭދަނޑުތަކާއި ވަސީލަތްތައް ނިންމައި، އިތުރަށް ފުރިހަމަކުރައްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ރައްޔިތުންނަށް ދެއްވިއެވެ. ހުރިހާ ރަށެގައި އާރު.ޓީ.އެލް ފެރީގެ ޚިދުމަތް ފުރިހަމަކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކަނޑޫދޫއަށް ލުއިފަސޭހަގޮތެއްގައި ދަތުރުކުރެވޭނެ ގޮތަކަށް، މިރޭ އާރުޓީއެލްގެ ޚިދުމަތް ރަސްމީކޮށް ފަށާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި، ކަނޑޫދޫ ބަނދަރުގައި ވަކި ޖެޓީއެއް ގާއިމުކުރުމުގެ މަޝްރޫއާއި، ބިންހިއްކުމުގެ މަޝްރޫއުގެ އިތުރުން ރަށުގެ މަގުހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކުރައްވާފައެވެ.