ރާއްޖެއިން އދ އާއެކު މިހޭދަ ކުރި 60 އަހަރުގެ ދަތުރުން، ދައްކުވައިދެނީ ކުދި ގައުމުތަކަށްވެސް އދ. ނިޒާމުގެ ތެރެއިން މަޝްވަރާތަކުގައި ބައިވެރިވެ ކަންކަމުގައި އަމަލީ ސިފަ ގެނައުމަށް މަސައްކަތް ކުރެވޭނެކަން ކަމުގައި ފޮރިން މިނިސްޓަރު ޑރ.އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖެ އދ. މެންބަރު ގައުމަކަށްވީ ދުވަސް ފާހަގަކުރުމުގެ ގޮތުން ދެއްވި ވީޑިއޯ މެސެޖެއްގައި މިނިސްޓަރު ވިދާޅުވީ މިވޭތުވެދިޔަ 60 އަހަރުގެ ތެރޭގައި ރާއްޖެއިން އދ. އާއި ގުޅިގެން ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށެވެ. އޭރު ދިވެހިން އދ އަށް ގެންދިޔައީ ހަމައެކަނި ރައްޔިތުންގެ އުއްމީދު ނޫން ކަމަށާއި، ރާއްޖެއިން ބޭނުންވީ ކުދި ގައުމުތަކަށް ބައިނަލްއަގްވާމީ މައިދާނުގައި ޖާގަ ހޯދަންކަމަށެވެ.
މީގެ އިތުރުން މިނިސްޓަރުގެ މެސެޖުގައިވަނީ، މިހާރަށް ވުރެ ވަރުގަދަ ގުޅުމެއް ބަދަހިކުރުމަށް މިވީ 60 އަހަރު ކުރެވުނު މަސައްކަތް މުހިންމު ބިންގަލަކަށް ވެގެންދާނެ ކަމަށާއި މުސްތަގުބަލުގައި މި ގުޅުން އިތުރަށް ބަދެހިވެގެންދާނެކަމަށް ވިދާޅުވެފައެވެ.
ޖުލައި 26. 1965 ވަނަ އަހަރު ދިވެހިރާއްޖެއަށް މިނިވަންކަން ލިބިގެންދިއުމަށްފަހު އޭގެ 57 ދުވަސް ފަހުން، އދ.ގެ މެންބަރުކަން ދިވެހިރާއްޖެއިން ހޯދީ 1965 ވަނަ އަހަރު ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.