ކަނޑުމަގުން ރާއްޖެއަށް އެތެރެ ކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ ޝަހީބު އިބްރާހިމާއެކު ދައުވާ އުފުލި އެންމެންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް މިއަދު ކަނޑައަޅައިފިއެވެ.

އެ މައްސަލައިގައި ހައްޔަރުކުރީ މަސްތުވާތަކެތީގެ ބޮޑެއް ކަމަށްވާ ޝަހީބު އާއި އިތުރު ހަތް މީހެކެވެ. 2020 ވަނަ އަހަރުގެ އޮކްޓޯބަރު އެ މީހުން ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓި ނަމަވެސް ފަހުން ވަނީ ބައެއް މީހުން ދޫކޮށްލާފައެވެ.

އެ މައްސަލައިގެ ހުކުމް އިއްވަން ކްރިމިނަލް ކޯޓުން ބޭއްވި އަޑުއެހުމުގައި ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައި ވަނީ އެ ކަމުގައި އިސްކޮށް ހަރަކާތްތެރިވި ގއ. ވިލިނގިލީ، ލައިޓްހައުސް، ޝަހީބާއި ހއ. ހޯރަފުށީ، ވައިލެޓްވިލާ، އަހުމަދު މޫސާގެ އިތުރުން އެކަމުގައި ބައިވެރިވި ގއ. ވިލިނގިލި، ދުންފިނިގެ، އަސީލް މާހިރު، ޅ. ހިންނަވަރު، ސެލް، އަނަސް ހުސައިން އަށެވެ. އަދި މީގެ އިތުރުން ވެސް ބަންގްލަދޭޝްގެ އިގުބާލާއި އެ ގައުމަށް ނިސްބަތްވާ މުހައްމަދު ރިޔާދުގެ މައްޗަށް ވެސް ކުށް ވަނީ ސާބިތުވެފައެވެ.

މި މައްސަލައިގައި 18 އަހަރުން ދަށުގެ ކުޑަކުއްޖަކު ވެސް ހައްޔަރުކޮށް ދައުވާ އުފުލިއެވެ. އެ ކުއްޖާގެ މައްޗަށް ދައުލަތުން ކުރީ މަސްތުވާތަކެތި ދޯންޏަށް އެރުވުމާއި އެ ތަކެތި ހުޅުމާލެ އަށް ގެންދިއުމަށްޓަކައި ބައިވެރިވި ކަމުގެ ތުހުމަތުތަކެވެ. އެކަމަކު 2022 ވަނަ އަހަރުގެ އޭޕްރީލް މަހު ޖުވެނައިލް ކޯޓުން އެ މައްސަލަ ބެލުމަށްފަހު ނިންމީ އެ ކުއްޖާގެ މައްޗަށް ކޮށްފައިވާ ޑައިފޯމިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ސާބިތު ނުވާ ކަމަށެވެ.

130 ކިލޯ މަސްތުވާތަކެތީގައި ހުރީ މެޓައެމްފިޓަމިން އާއި ހެރޮއިން ކަމަށްވާއިރު އެ މައްސަލައިގެ ޝަރީއަތަށް ހާޒިރު ނުވެގެން ޝަހީބު ފުލުހަށް ހާޒިރުކުރުމަށް މިދިޔަ ހަފްތާގައި ވަނީ އާންމުންގެ އެހީތެރިކަމަށް ވެސް އެދިފައެވެ. އޭގެ ފަހުން ވެސް އޭނާ ހާޒިރުނުވެގެން ޝަހީބުގެ އަނބިމީހާ ހައްޔަރު ކުރުމުން ވަނީ އަމިއްލައަށް ފުލުހާ ހަވާލުވެފައެވެ. ޝަހީބުގެ އަންހެނުންނަކީ އޭނާ ފިލައިގެން އުޅުމަށް އެހީތެރިވެދިން މީހާއެވެ.

ފުލުހުން ދަނީ ޝަހީބުގެ އަންހެނުންގެ މައްސަލަވެސް ތަހުގީގު ކުރަމުންނެވެ.