އަރަބި އިސްލާމީ ގައުމުތަކުގެ ކުއްލި ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގަތަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.
ގަތަރުގެ ވެރިރަށް ދޯހާގައި އިއްޔެ ކުރިއަށްގެންދިޔަ އަރަބި އިސްލާމީ ގައުމުތަކުގެ ކުއްލި ސަމިޓުގައި ރައީސް ވަނީ ތަގުރީރުކުރައްވާފައެވެ.
ރައީސްގެ ތަގުރީރުގައި އިސްރާއީލުން ގަތަރަށް ދިން ހަމަލާއަކީ އިންސާނިއްޔަތާ ދެކޮޅު ޖަރީމާއެއް ކަމަށާއި އެއީ ސީދާ ސުލްހައަށް ދިން ހަމަލާއެއްކަމުގައި ވިދާޅުވިއެވެ. އަދި އިސްލާމީ އުންމަތުގެ އެއްވެސް ގައުމެއް އެކަހެރި ހާލަތެއްގައި އުދުވާނަކާ ކުރިމަތިލާންޖެހިގެން ނުވާނޭ ކަމަށާއި ގަތަރުގެ ސަރުކާރާއި އުހުވަތްތެރި ރައްޔިތުންނަށް ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުންދީ އެގޮތުގައި ދިވެހިރާއްޖެ ދެމިއޮންނާނޭ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
އެ ސަމިޓްގެ ހަވާސާގައި ރައީސް ވަނީ ގަތަރުގެ އަމީރު، ޝައިހް ތަމީމް ބިން ހަމަދު އަލްޘާނީއާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމުގައި އިސްރާއީލުން ގަތަރަށް ދާދި ފަހުން ދިން އުދުވާނީ ހަމަލާގައި އެތައް ބަޔަކު މަރުވުމާ ގުޅިގެން ރައީސް ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.
މީގެއިތުރުން ދޭދޭ މަސްލަހަތު ހިމެނޭ ކަންކަމުގައި ހަރުދަނާ ގޮތެއްގައި އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުން ވެސް 2 ގައުމުގެ ލީޑަރުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި އެކި ދާއިރާތަކުން ގަތަރުން ދިވެހިރާއްޖެއަށް ފޯރުކޮށްދޭ އެއްބާރުލުމަށްޓަކައި އެ ގައުމުގެ އަމީރަށް، ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އަރަބި އިސްލާމީ ގައުމުތަކުގެ ކުއްލި ސަމިޓަކީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ މެމްބަރު ގައުމުތަކުގެ ލީޑަރުން އެއްވެ، އިސްރާއީލުގެ އަމަލުތައް ކުށްވެރިކޮށް، ބައިނަލްއަގްވާމީ ގާނޫނުތައް ހިފެހެއްޓުމަށާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށް މުސްލިމު އުއްމަތުގެ ގައުމުތަކުގެ އަޑު އެކަތިގަނޑެއްގެ ގޮތުގައި އިއްވައި، ލާއިންސާނީ އަމަލުތައް ހުއްޓުވުމަށާއި ސަރަހައްދީ އަމަންއަމާންކަން ގާއިމުކުރުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް މަގުފަހިކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.
ރައީސްގެ މި ދަތުރުފުޅުގެ ސަބަބުން ދިވެހިރާއްޖެއިން އިންސާނީ ކަރާމާތާއި އިންސާފުގެ ދިފާއުގައްޔާއި އިސްތިއުމާރާއި އަނިޔާގެ ބިރުވެރިކަމެއް ނެތި މިނިވަންކަމާއެކު ދިރިއުޅުމުގެ ހައްގަށް ގޮވާލައި އަޑުއުފުލުމަށް ފުރުސަތު ލިބިގެންގޮސްފައިވެއެވެ.