ގަވާއިދާ ހިލާފަށް މާލޭގައި އުޅެމުންދިޔަ ގިނަ އަދަދެއްގެ ބިދޭސީންތަކެއް ހައްޔަރުކޮށްފިއެވެ.

އިމިގްރޭޝަންގެ ޓާސްކްފޯސް އިން އިއްޔެ ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އާންމުކޮށް އެއްވެއުޅޭ ސަރަހައްދެއް ކަމުގައިވާ ހީނާމާގެ ޕާކިންގް ސަރަހައްދުގައި ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ.

އެ އޮޕަރޭޝަނުގައި ޖުމްލަ 19 ބިދޭސީން ބަލައި ފާސްކޮށްފައިވާއިރު އޭގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅެމުންދިއަ 11 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ އިދާރާއިން ވަނީ މައުލޫމާތު ދީފައެވެ. އަދި އޭގެ ތެރޭގައި ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭކަމަށް ރިޕޯޓުކޮށްފައިވާ މީހަކު ވެސް ހިމެނޭ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ވަށާޖެހޭ ހައްލެއް ގެނައުމަށްޓަކައި ރާއްޖޭގައި މިވަގުތު ތިބި ބިދޭސީން ގަވާއިދަށް ފެއްތުމަށްދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިވެހިންނަށް ކުރެވެން ހުރި ވިޔަފާރިތަކުގައި ހަރަކާތްތެރިވަމުންދާ ބިދޭސީންގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ ފިޔަވަޅު އަޅަމުންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ހީނާމާގެ ޕާކިން ސަރަހައްދުގައި އިމިގްރޭޝަނުން ކުރިއަށްގެންދިޔަ ރެއިޑު

އަދި އެކަން ތަންފީޒު ކުރުމަށް އިމިގްރޭޝަނުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް ހާއްސަ އޮޕަރޭޝަންތައް ހިންގަމުންދާއިރު މި އޮޕަރޭޝަންތަކުގައި އެތައް ބިދޭސީންނެއް ވަނީ އަތުލައިގަނެފައެވެ. އަދި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން މޮނިޓާކުރުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މާލޭގެ އާންމު ތަންތަނުގައި އޮފިސަރުން އޮބްޒާވޭޝަން މަސައްކަތްތައް ވެސް މިހާރު ދަނީ ކުރިއަށެވެ.

މީގެ އިތުރުން ވެސް އެކިއެކި ހާލަތްތައް ކުރިމަތިވެގެން ނުވަތަ ވަޒީފާ ދޭ ފަރާތުގެ އިހުމާލު އޮވެގެން ނަމަވެސް ގަވާއިދުގެ ތެރެއަށް ނުވަދެވި ތިބި ވަރަށް ގިނަ ބިދޭސީންނަށް އެ ފުރުސަތު ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ދާދި ފަހުން ވަނީ ހޯމް މިނިސްޓްރީން ބުނެފައެވެ.