މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) ގެ 39 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ހެނދުނު ވިޔަފާރި ބަނދަރުގައި މަސައްކަތް ކުރާ މީހުންނަށް ހާއްސަ ނާސްތާއެއް ބާއްވައިފިއެވެ،

އެމްޕީއެލްގެ 39 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާ އިރު، އެ ހަރަކާތްތައް ފެށުމުގެ ގޮތުން އެމްޕީއެލްގެ ހެޑް އޮފީހުގައި އެންމެ ފުރަތަމަ ބޭއްވީ ކޭކް ފެޅުމުގެ ހަފްލާއެކެވެ. މި ހަފްލާގައި އެމްޕީއެލްގެ ސީއީއޯ، ޑީސީޕީ (ރިޓަޔާޑް) މުހައްމަދު ރިޝްވާން، އާއި މެނޭޖްމަންޓްގެ އިސް ވެރިންނާއި މުވައްޒަފުން ބައިވެރިވެފައި ވެއެވެ.

ކޭކް ފެޅުމުގެ ހަފްލާއަށްފަހު، އެމްޕީއެލް އިން ވަނީ މާލޭ ވިޔަފާރި ބަނދަރު ސަރަހައްދުގައި މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަކޮށް، ހެނދުނު ނާސްތާއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގައި ޕޯޓުގެ މަސައްކަތްތެރިންނާއި، ލޯރީ ޑްރައިވަރުން އަދި ކްލިއަރިން ގުރޫޕްގެ ވެރިން ބައިވެރިވެފައި ވެއެވެ.

އެމްޕީއެލް އިން މާލޭ ވިޔަފާރި ބަނދަރުގެ ހިދުމަތްތައް ރަސްމީކޮށް ފެށީ ސެޕްޓެމްބަރު 15، 1986 ގައެވެ. އެންމެ ފުރަތަމަ ހިދުމަތް ފެށީ މޯލްޑިވްސް ޕޯޓްސް އޮތޯރިޓީ (އެމްޕީއޭ) ގެ ނަމުގައެވެ. އެމްޕީއޭ ކުންފުންޏަކަށް ބަދަލުކޮށް، އެމްޕީއެލްގެ ނަމުގައި ހިދުމަތް ދޭން ފެށީ 2008 ވަނަ އަހަރުގައެވެ.