ކުރީގެ ރައީސުންގެ އިނާޔަތްތައް ކުޑަކުރަން ތާއިދުކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ މަޖިލީސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި މެސެޖެއްގައި ވަނީ، މަޖިލީސް މެންބަރުކަން ކުރައްވާފައި ތިއްބެވި ކުރީގެ މެންބަރުންނާއި ކުރީގެ ރައީސުންނާ ދެމުންދާ އިނާޔަތްތައް މަދުކުރަން އެ މަނިކުފާނަށް ފެނިވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން މިދިޔަ ބުދަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރީގެ ރައީސުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ގާނޫނުތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ގާނޫނުތައް އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ.

ކުރީގެ ރައީސުންގެ އިނާޔަތްތައް ކުޑަކުރުމާއި ގުޅޭ ގޮތުން މިހާތަނަށް ރައީސްކަން ކުރެއްވި އެއްވެސް ބޭފަޅަކު އެއްޗެއް ވިދާޅުވެފައިނުވާއިރު މިކަމާއި ގުޅިގެން އެންމެ ފުރަތަމަ އެއްޗެއް ވިދާޅުވި ރައީސްއަކީ ނަޝީދުއެވެ. މި ނިންމުމަށް ތާއިދުކުރައްވާ އެކްސްގައި ނަޝީދު ވަނީ ބައިތެއް ހިއްސާކުރައްވާފައެވެ.

"ލިބޭ މިންވަރު ނިކަން ދަނެގެން، ވި ބޭނުންތައް ބަހާލައިގެން ތިބޭ ނަމައީ ފިކުރުކޮށްގެން، މިބޭޒާރު ނުވެސް ވާނޭ" ނަޝިދު ހިއްސާކުރެއްވި ބައިތުގައިވެއެވެ.

ރާއްޖޭގައި މީގެ ކުރިން ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިއްބެވީ މައުމޫން އަބްދުލްގައްޔޫމް، މުހައްމަދު ނަޝީދު، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކް، އަބްދުﷲ ޔާމީން އަދި އިބްރާހީމް މުހައްމަދު ސޯލިހްއެވެ. މި ފަސް ބޭފުޅުންނަށްވެސް ދައުލަތުން ބޮޑު ހަރަދެއް ކުރަންޖެހޭކަމަށް ބުނެ މީގެ ކުރިންވެސް ގިނަ ބަޔަކު ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ. އަދި ރައީސް މުއިއްޒުގެ ނިންމެވުމަށް ތާއިދުކޮށް ގާނޫނަށް އިސްލާހު ގެންނަންޖެހޭކަމަށްވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.