2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 6 ވަނަ ދުވަހުގެރޭ ރަހުމްކުޑަ ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގައި ކުރިއަށް އޮތް ދެ މަސްދުވަސް ތެރޭ ހެކިބަސް ނަގާ ނިންމުމަށް ތާވަލުކޮށްފިއެވެ.
ދައުވާ ލިބޭ ފ. ނިލަންދޫ ފިނިފެންމާގޭ، އަލީ ޝާހިލްގެ މައްޗަށް ކުރާ ދައުވާތަކަށް އޭނާ އިންކާރުކޮށްފައިވާއިރު، މި މައްސަލައިގެ އަޑުއެހުންތައް ފަށާފައިވަނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަސްތެރޭގައެވެ. ޝާހިލް އެއްބާރުލުން ނުދިނުމާއި ގުޅިގެން މި މައްސަލައިގެ އަޑުއެހުންތައް ދިގު ދެމިގެން ގޮސްފައިވާއިރު ކްރިމިނަލް ކޯޓުން ވަނީ ދައުލަތުން ހުށަހަޅާފައިވާ ހެކިވެރިންގެ ހެކިބަސް ނެގުން ކުރިއަށް އޮތް ދެމަސް ތެރޭ ނިންމުމަށް ތާވަލުކޮށްފައިވާކަމަށް ބުނެފައެވެ.
އެގޮތުން ދައުލަތުގެ ދެ ހެކިވެރިއެއްގެ ހެކިބަސް ނެގުމަށް އިއްޔެ އަޑުއެހުމެއް ތާވަލުކުރި ނަމަވެސް އިއްޔެ ޝާހިލް ކޯޓަށް ހާޒިރުކުރެވެން ނެތުމާއި ގުޅިގެން މި އަޑުއެހުން ވަނީ ކެންސަލް ކޮށްފައެވެ.
ކްރިމިނަލް ކޯޓުން މިހާރު ނިންމާފައިވަނީ އިއްޔެ ނުނެގުނު ދެ ހެކިވެރިންގެ ހެކިބަހާއެކު މިމަހުގެ 14 ވަނަ ދުވަހު ސިއްރު ހެކިންގެ ހެކިބަސްވެސް ނެގުމަށެވެ. އަދި 6 އަޑުއެހުމަކަށް ބަހާލައިގެން ދެ މަސްތެރޭ ބާކީ ތިބި 35 ހެކީންގެ ހެކިބަސްވެސް ނަގާނެ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ. އެއަށްފަހު ހުލާސާ ބަޔާން އިއްވުމާއެކު ހުކުމަކާ ހަަމަޔަށް ދާނެ ކަމަށްވެސް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.
ފާހަގަކުރެވޭ ގޮތުގައި ޝިއާއު މަރާލި މައްސަލައާ ގުޅިގެން ހައްޔަރުކުރި އަލީ ޝާހިލްގެ މައްޗަށް ފަސް ދައުވާއެއް ވަނީ އުފުލާފައެވެ. އޭގެ ތެރޭގައި ގަސްދުގައި މީހަކު މެރުން، ކެނަބިސް ބޭނުންކުރުން، އޮރިޔާން ކާޑު ގެންގުޅުން ހިމެނޭއިރު ދެން ކޮށްފައިވާ ދެ ދައުވާ ވަނީ ސިއްރު ކޮށްފައެވެ.
ޝިއާއު މުހައްމަދު ސައީދު މަރަކީ ރާއްޖެ ސިއްސުވާލި މަރެކެވެ. ޝިއާއު މަރާލާފައިވާ އިރު އޭނާގެ ބައެއް ގުނަވަންތައް ބުރިކޮށްފައިވާ އިރު، ޝިއާއުގެ މަރާ ގުޅިގެން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ މައްސަލަ ތަހްގީގުކުރެއްވި ޗީފް އިންވެސްޓިގޭޓަރު، އިންސްޕެކްޓަރު މުހައްމަދު ސާމިހު ވިދާޅުވީ، ޝިއާއު މަރަށް ހުށަހެޅިގެން ދިޔައީ އޭނާގެ ހަށިގަނޑަށް ލިބިފައިވާ އަނިޔާތަކުގެ ސަބަބުން ކަމަށް، އޭނާގެ ޕޯސްޓްމޯޓަމް ރިޕޯޓުތަކުން އެނގެން އެބައޮތް ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ޕީޖީ އޮފީހުން އޭރު ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމެއްގައި އޭރުގެ ޕީޖީ ހުސެއިން ޝަމީމް ވަނީ މައްސަލައިގައި ޝާހިލް ފިޔަވައި އިތުރު މީހެއްގެ ބައިވެރިވުމެއް ނެތް ކަން ސާފު ކަމަށާއި މި މައްސަލަ ސާބިތުކުރެވޭ މިންވަރަށް ހެކި ލިބިފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ.