އައްޑޫގެ އަމިއްލަ ގޯތިތަކުގައި ހައުސިން ޔުނިޓް އަޅަން ބޭނުންވާ މީހުންނަށް އެކަމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނެެއްގައި ބުނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އަމިއްލަ ގޯތީގައި ހައުސިން ޔުނިޓް އަޅައިދޭން އެ ސިޓީގެ ގިނަ ބަޔަކު އެދެމުން އަންނަ ކަމަށެވެ. މިމަސައްކަތް ކުރިއަށް ގެންދިއުމަށް ކުރެވުނު ދިރާސާގައި ސޯޝަލް ހައުސިންގެ ޔުނިޓްތަކުގެ ކަނޑައެޅިފައިވާ ސަރަހައްދުތަކުގެ ބަދަލުގައި އަމިއްލަ ފަރާތްތަކަށް ދޫކުރެވިފައިވާ ގޯތިތަކުގައި ހައުސިން ޔުނިޓްތައް ގާއިމުކޮށް ދިނުމަށް ގިނަ ފަރާތްތަކުން އެދެމުން އަންނަކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
މި ސަރުކާރުން ވަނީ އަމިއްލަ ގޯތީގައި ހައުސިން ޔުނިޓް އެޅުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، މިކަމަށް އެދޭ ފަރާތްތަކުން ސެޕްޓެމްބަރު 30، 2025ވާ އަންގާރަ ދުވަހުގެ 10:00ގެ ކުރިން ފޯމު ހުށަހެޅުމަށް ކައުންސިލުން ވަނީ އެދިފައެވެ.
މިދިޔަ ފެބްރުއަރީ މަހު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހައުސިން ޔުނިޓް ހަދަން ސަރުކާރުން ވައުދުވެފައިވާ ރަށްރަށުގައި، ރައްޔިތުން ބޭނުން ނަމަ އެ މީހެއްގެ އަމިއްލަ ގޯތީގައި ހައުސިން ޔުނިޓް އަޅައިދޭނެ ކަން އިއުލާންކުރައްވާފައެވެ.