ގަތަރުގައި ތިބި ހަމާސްގެ ލީޑަރުންނަށް އިޒްރޭލުން މިއަދު ދިން ހަމަލާ ރައީސް ޑރ. މުހައްމަދު މުއިއްޒު ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައިފިއެވެ.
ރިޕޯޓުތައް ބުނާ ގޮތުން ހަމާސްގެ ލީޑަރުން ގަތަރުގެ ވެރިރަށް ދޯހާގައި މިއަދު ބައްދަލުވުމެއް ބާއްވާފައިވަނީ އެމެރިކާގެ ސްޕެޝަލް އެންވޯއީ ސްޓީވް ވިޓްކޯފް، މިދިޔަ ހަފްތާގައި ހުށަހެޅުއްވި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށެވެ.
މިއަދު މެންދުރު ގަތަރުގެ ވެރިރަށް ދޯހާގައި އެތައް ގޮވުންތަކެއް ހިނގާފައިވާ ކަމަށް ރިޕޯޓްކޮށްފައިވާއިރު، ގިނަ އަދަދެއްގެ ދުން އަރާ މަންޒަރުތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
މި ހަމަލާއާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ގަތަރުގެ ވެރިރަށް ދޯހާއަށް އިޒްރޭލުން ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި، މިފަދަ ރަހުމުކުޑަ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނާ ވަރަށް ބޮޑަށް ހިލާފު އަމަލުތައް ކަމަށެވެ. މިއީ ސިޔާދަތީ ގައުމެއްގެ އިސްތިގުލާލާއި ސަރަހައްދީ އެއްބައިވަންތަކަމަށް ފާޅުކަން ބޮޑު ގޮތެއްގައި އަރައިގަތުން ކަމަށާއި، މި އަމަލުތަކަށް އިޒްރޭލު ޖަވާބުދާރީ ކުރުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުއްވުމަށް ބައިނައްއަގުވާމީ މުޖުތަމައަށް ރައީސް ވަނީ ގޮވާލައްވާފައެވެ.
މި ހަމަލާއާއި ގުޅިގެން ގަތަރުގެ ފޮރިން މިނިސްޓްރީން ވަނީ އެ ހަމަލާ އަމާޒުކޮށްފައިވަނީ ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ އެތައް މެންބަރުންނެއް ދިރިއުޅޭ އިމާރާތަށްކަމަށާއި، އެ ހަމަލާ ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެންމެ މަތީ ފެންވަރެއްގައި ތަހުގީގުތައް މި ހަމަލާއާއި ގުޅިގެން ކުރިއަށްދާ ކަމަށްވެސް ގަތަރުގެ ފޮރިން މިނިސްޓްރީއާއި ހަވާލާދީ ބޭރުގެ ނިއުސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.
ފާހަގަކުރެވޭ ގޮތުގައި އިޒްރޭލުން ވަނީ ފަލަސްތީނުގެ ގާޒާގެ ރައްޔިތުންނަށް ކަނޑުމަގުން އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ އާއްމުންގެ ބޯޓުތަކުގެ ގާފިލާގައި ހިމެނޭ މައި ބޯޓަށް ޑްރޯންގެ ހަމަލާއެއް ރޭގެ ވަގުތެއްގައި ދީފައެވެ. މަންޒަރު ދުށް ފަރާތްތަކުން ބުނެފައިވަނީ ޑްރޯން ހަމަލާ ދީފައިވަނީ ބޯޓުގެ ކުރިއަށް ކަމަށާ ހަމަލާގެ ސަބަބުން ބޯޓުުގައި އަލިފާން ރޯވި ކަމަށެވެ.
އިޒްރޭލުން ގާޒާއާ ދެކޮޅަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން އެސަރަހައްދަށް ކާބޯތަކެއްޗާއި އިންސާނީ އެހީ ވެއްދުން މުޅިންހެން ވަނީ ހުއްޓުމަކަށް އައިސްފައެވެ.