މާލެއިން ކުއްޔަށް ދޫކޮށްފައިހުރި ޕާކިން ސްލޮޓްތައް ކެންސަލްކޮށް އެތަންތަން އާންމުންނަށް ހުޅުވާލަން ޓްރާންސްޕޯޓް މިނިސްޓްރީން މާލެ ސިޓީ ކައުންސިލަށް އަންގައިފިއެވެ.
މިކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މި މަހުގެ ނިޔަލަށް ހަމަވާގޮތަށް ކުއްޔަށް ދޫކޮށްފައި ހުރި ހުރިހާ ޕާކިން ތަކުގެ މުއްދަތު އިތުރު ނުކުރުމަށާއި، މާލޭ މަގުމަތިން ދޫކޮށްފައި ހުރި ޖާގަތަކުގެ މުއްދަތު ހަމަވުމުން، އެ ޖާގަތައް ވެސް ޕާކިންއަށް ދޫނުކުރުމަށް ސިޓީ ކައުންސިލަށް އަންގާފައިވާކަމަށެވެ.
އަދި އެތަންތަން އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ދޫކުރަން ނިންމާފައިވާކަން ހާމަކޮށް އާޒިމް ވިދާޅުވީ ހަތަރު ފުރޮޅުލީ ހުރިހާ ޕާކިން ތަކަކީ އެންމެންގެ ތަންތަން ކަމަށެވެ. އަދި އެކަން އިއުލާނުކުރާނެ ކަމަށްވެސް އާޒިމް ވަނީ ވިދާޅުވެފައެވެ.
ޕާކު ކުރާނެ ޖާގަ ނެތި އެކަމުގެ ޝަކުވާ އަބަދުވެސް އާންމުން ކުރަމުންދާއިރު، މިދިޔަ އަހަރުވެސް ޓްރާންސްޕޯޓް މިނިސްޓްރީން ޕާކިން ސްލޮޓް ކުއްޔަށް ނުދޭން އަންގާފައިވެއެވެ. ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ މީގެ ބޭނުމަކީ މާލެ ތެރޭގައި ޕާކުކުރާނެ ޖާގަތައް ނުލިބުމުގެ ދަތިކަން ހައްލުކުރުން ކަމަށާއި، އެންމެންނަށް ހަމަހަމަ ގޮތުގައި މަގުތަކުގައިވާ ޖާގަތައް ދިނުން ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި މާލޭ މަގުމަތިން ޕާކިން ސްލޮޓްތައް ކުއްޔަށް ދޫކުރަން ފަށާފައިވަނީ 2022 ވަނަ އަހަރުއެވެ. އެގޮތުން ކުއްޔަށް ދޫކޮށްފައިވަނީ ޕްރައިވެޓް ކާރުތަކަށް 1500ރ. އަދި ޓެކްސީތަކަށް 700ރ ގެ މަގުންނެވެ.