އައްޑޫ ސިޓީ ފޭދޫގައި ކޭބަލެއް ބުރިކުރަން އުޅުން މީހަކު ކަރަންޓުގައި ޖެހި ވަރަށް ބޮޑަށް ފިހިއްޖެއެވެ.

މި ހާދިސާ އާއި ގުޅިގެން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ނިޝާޒާ އަބްދުﷲ ވިދާޅުވީ މި ހާދިސާގައި ފިހިފައިވަނީ އުމުރުން 33 އަހަރުގެ މީހެއް ކަމަށެވެ. ފިހުނު މީހާގެ ފުރާނައަށް ނުރައްކަލެއް ނެތްކަން ފާހަގަކޮށް ނިޝާޒާ ވިދާޅުވީ ކަނާތާއި ވާތުފައި ފިހުމުން ޓެސްޓުތަކެއް ހަދަމުންދާ ކަމަށާއި އިތުރު ފަރުވާއަށް މާލެ ފޮނުވަން ނިންމާނީ އެޔަށް ފަހު ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު ކަމަށްވާއިރު، މި ހާދިސާއާއި ގުޅިގެން އައްޑޫގެ ގުޅިފައިވާ ރަށްތަކުން ދަންވަރު 2 ގަޑިއެއްހާއިރަށް ކަރަންޓު ވަނީ ކެނޑިފައެވެ.

އައްޑޫގައި ތަފާތު ހާދިސާތަކާއި ގުޅިގެން ކަރަންޓު ކެނޑޭ މައްސަލައަކީ އެރަށު ރައްޔިތުންގެ ބޮޑު ކަންބޮޑުވުމަކަށް ވެފައިވާ ކަމެކެވެ. މިކަމާ ގުޅިގެން މީގެކުރިން ފެނަކައިން ބުނެފައިވަނީ އައްޑޫ ސިޓީން ކަރަންޓު ކެނޑޭ މައްސަލަ ކުރިމަތިވާން ފެށީ، އެ ސިޓީގައި ބޭނުން ކުރަމުން ދިޔަ 18 ޖަނަރޭޓަރުގެ ތެރެއިން، ގިނަ އިންޖީނުތަކެއް އޯވަހޯލް ނުކޮށް ދިގުލައިގެން ދިއުމުން އެޖަނަރޭޓަރުތައް ހަލާކުވުމުގެ ސަބަބުން ކަމަށެވެ.

މައްސަލަ ހައްލުކުރުމަށްޓަކައި މިދިޔަ މާޗް މަހުގެ 13 ވަނަ ދުވަހު 1 މެގަވޮޓުގެ ޖެނެރޭޓަރު ސެޓެއް އަދި އެ މަހުގެ 25 ވަނަ ދުވަހު ވަނީ 1.8 މެގަވޮޓްގެ އިތުރު ޖަނަރޭޓަރެއް އައްޑޫއަށް ވަނީ ގެންގޮސްފައެވެ.