އުރީދޫ ގްރޫޕްގެ ޓްރަބްލް ކެމްޕެއިން ގައި ހަރަކާތްތެރިވާ ޓްރަބަލްމޭކާސް ރާއްޖެ އަތުވެއްޖެއެވެ.
މި ޓްރަބްލްމޭކާސް ރަމްޒު ކޮށްދެނީ އިންޓަނެޓް ބޭނުންކުރާއިރު ދިމާވާ ތަފާތު އެކި އުނދަގޫތަކެވެ. އަދި އެމީހުންގެ އުނދަގުލުން ދިމާވާ އެކި ކަންކަން ދައްކުވައިދޭ މި ކެމްޕޭނުގެ މަގްސަދަކީ އުރީދޫގެ ހިދުމަތްތައް ބޭނުންކުރަން ފެށުމުން އެ އުނދަގޫތައް ދިމާނުވާނެކަން ހާމަކޮށްދިނުން ކަމަށް އުރީދޫއިން ބުނެއެވެ.
ޓްރަބްލްމޭކާސްތައް ރާއްޖެ އައިސްފައިވަނީ އުރީދޫ ގްރޫޕްގެ ފަރާތުން ދޯހާއިންނެވެ. އަދި އުރީދޫ އޮޕަރޭޓް ކުރާ ހުރިހާ ގައުމެއްގައި ޓްރަބްލް މޭކާސްގެ އިޝްތިހާރުތައް ފެނިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އުރީދޫއިން ވަނީ ޓްރަބަލްމޭކާސްތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ ވީޑިއޯއެއް ވެސް އާންމުކޮށްފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި މި ޓްރަބަލްމޭކާސްތައް އުރީދޫ އޮފީހަށާއި ހުޅުމާލެ މާރުކޭޓް ގޮޅިތަކުގެ މީހުންނަށާއި ސައިބޯން ތިބޭ މީހުންނަށް އުނދަގޫ ކުރާ މަންޒަރު ފެނެއެވެ.
އަދި މާލޭގައި ހަރަކާތްތެރިވާ ޓްރެފިކް ފުލުހަކު ހުއްޓުވުމުން އެމީހާގެ ސައިކަލު ފަހަތަށް އަރާ މަންޒަރު ވެސް ފެނެއެވެ. އަދި މި އުނދަގޫ ކުރާ ޓްރަބްލްމޭކާސްތައް އެންމެ ފަހުން ފުލުހުން ހައްޔަރުކޮށްގެން ގެންދާ މަންޒަރުވެސް ވީޑިއޯއިން ދައްކާދެއެވެ. އޫރީދޫއިން ބުނީ، މި ކެމްޕޭން މިއަހަރު ނިމެންދެން ކުރިއަށްދާނެ ކަމަށެވެ.