އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސްކަމުގެ މަގާމަށް، އެ ކޮމިޝަނަށް އަލަށް އައްޔަންކުރެއްވި މުހައްމަދު ޝަކީލް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އީސީގެ ރައީސްކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ޒާހިދު ކޮމިޝަނުގެ މެންބަރުކަމުންނާ، ރައީސްކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ޝަކީލް އީސީގެ ރައީސްކަމަށް އައްޔަން ކުރެވޭނީ ކޮމިޓީން މައްސަލަ ދިރާސާކޮށް ފާސްކުރުމަށްފަހު، މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުން ރުހުން ލިބުމުންނެވެ. މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާފައިވާ ޝަކީލް އީސީގެ މެންބަރުކަމަށް ރައީސް އައްޔަންކުރެއްވީ މި ޖޫން މަހުގެ 24 ވަނަ ދުވަހުއެވެ.

ގާނޫނު ބުނާގޮތުން ކޮމިޝަނުގެ ރައީސަކު އައްޔަންކުރެވޭނީ ކޮމިޝަނުގެ 5 މެންބަރުންގެ އަދަދު ހަމަވުމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މި މައްސަލަ ދިރާސާކުރުމަށް މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.

މުހައްމަދު ޝަކީލަކީ މީގެ ކުރިންވެސް އިލެކްޝަންސް ކޮމިޝަނުގައި މުހިންމު މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ.