ވަގުތު ނެތުމުން ވަޑައިނުގެންނެވުނު ނަމަވެސް ކޮންމެ ރަށަކަށްވެސް ބޭނުންވާ ކަންތައްތައް ކޮށްދެއްވާނެ ކަމަށް އިދިކޮޅު ޕީއެންސީ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އަންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހއ. އުތީމަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އިންތިހާބަށް ކުޑަ ވަގުތުކޮޅެއް އޮތުމުން ކޮންމެ ރަށަކަށް ވަޑައިގެންނެވެން ނެތް ކަމަށެވެ. އަދި ކޮންމެ ރަށަކަށް ވަޑައިގެން ސީދާ ކަންކަން އޮޅުން ފިލުއްވައިގެން އެއަށް ޖަވާބު ނުދެއްވުނު ނަމަވެސް އެ ރަށްތަކުގެ ރައްޔިތުން ބޭނުންވާ ކަންކަމަށް އިސްކަން ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ހއ އަތޮޅުގައިވެސް ނުދެވޭ ރަށްތައް ހުންނާނެ ކަމަށާއި އެއީ އެ ރަށްތައް ދޫކޮށްލައްވައި ބާކީކޮށްލައްވަނީ ނޫން ކަމަށެވެ. އަދި އެއްވެސް ރައްޔިތަކު މުއިއްޒުގެ ސަރުކާރެއްގައި ބާކީ ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މިހާރު މުއިއްޒުގެ ކެމްޕެއިނުގައި ހދ. ނޮޅިވަރަމާއި ކުޅުދުއްފުށި ސިޓީއަށާއި މަކުނުދޫއަށާއި ހއ. ހޯރަފުއްޓަށާއި ހއ. އިހަވަންދޫއަށް ވަނީ ވަޑައިގެންފައެވެ. އަދި މިއަދު އުތީމަށާއި ވަށަފަރަށް ވަޑައިގެންފައި ވާއިރު ކެލައާއި ބާރަށާއި ދިއްދުއަށް ވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.