ކ. ގުޅީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއާއި ލ. ކުނަހަންދޫ އައުޓްޑޯ ވޮލީ ކޯޓު އެޅުމުގެ މަސައްކަތް ބާރަށް ކުރިއަށް ދެއެވެ.

ގުޅީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

އެ މަޝްރުއުގެ ދަށުން، 56،295 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު ފުންކުރުމާއި، 324 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 8 މީޓަރުގެ ސަރަޙައްދެއްގައި ފެނުއަޑީގައި ބޭރުތޮށިލުމުގެ އިތުރުން 270 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ހަމަޖެހިފައިވެއެވެ.

މީގެއިތުރުން، 283 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 280 މީޓަރުގެ އެއްގަމު ތޮށި މަރާމާތުކުރުމާއި، 100 މީޓަރު ދިގު އަދި 2 މީޓަރު ފުޅާ ކޮންކްރިޓް ޖެޓީއެއް ހެދުމުގެ އިތުރުން 3،170 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމަށް ވަނީ ހަމަޖެހިފައިވެއެވެ. މި މަޝްރޫޢުުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 85.81 މިލިޔަން ރުފިޔާއަށް 510 ދުވަސްތެރޭ މަސައްކަތް ނިންމާ ހަވާލުކުރާގޮތަށެވެ.

އެ މަސައްކަތާ ގުޅޭ އެންމެފަހުގެ ތަފްސީލު ހިއްސާ ކުރަމުން އެމްޓީސީސީން ބުނީ، މިހާރު ކުރިއަށްދަނީ އާ ބަނދަރުގެ ފަޅު ފުންކުރުމުގެ މަސައްކަތާއި އެއްގަމުތޮށީގެ ބްލޮކް އެތުރުމުގެ މަސައްކަތްތައް ކަމަށެވެ. މި މަސައްކަތްތައް ނިމުމުން އެ ރަށުގެ ލަފާފުރުމަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ.

މީގެ އިތުރުން، ޒުވާނުންނާއި ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން، ލ. ކުނަހަންދޫގައި ތަރައްގީކުރާ އައުޓްޑޯ ވޮލީ ކޯޓުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ. މި މަޝްރޫއަކީ 1.24 މިލިއަން ރުފިޔާއަށް 120 ދުވަހުގެތެރޭގައި ނިންމުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ކޮންކްރިޓް މަސައްކަތާއި ދަގަނޑުގެ މަސައްކަތާއި ކަރަންޓުގެ މަސައްކަތާއި ޓާފްއެޅުމާއި އިކުއިޕްމެންޓް ހަރުކުރުން ހިމެނެއެވެ.

މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ކޯޓުގެ ޓާފް އެޅުމަށްޓަކައި ވާންޖެހޭ ތައްޔާރީތަކާއި، ކޯޓު ވަށައިގެން ފެންސް ޖެހުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ވަނީ މައުލޫމާތު ދީފައެވެ.

963 މީހުންގެ އާބާދީއެއް އޮންނަ ކުނަހަންދޫގައި ވޮލީ ކޯޓެއް ތަރައްގީކުރުމުގެ މަޝްރޫއަކީ ރަށުގެ ޒުވާނުންގެ އުންމީދުތަކާއި ވަރަށް ބޮޑަށް ގުޅިފައިވާ މަޝްރޫއެކެވެ. މި ވޮލީ ކޯޓުގެ މަސައްކަތް ނިމުމުން ރަށުގެ ރައްޔިތުންނަަށް އިޖުތިމާއީ ގޮތުން ކުރިއެރުންތަކެއް ލިބި އެއްބައިވަންތަކަން ދެމެހެއްޓުމަށް މަގުފަހިވެގެންދާނެ ކަމަށް އެމްޓީސީސީން ދެކެއެވެ.