ދިވެހި ދައުލަތަށް 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށްވާ އާދަމް އަބްދުއްރަހްމާނަށް ރައީސުލްޖުމްހޫރިއްޔާ ނިޝާން ދިޔަމިގިލީގެ ޝަރަފުގެ އިއްޒަތް އަރުވައިފިއެވެ.
ހއ. އުތީމު އަލިމަސްގެ، އާދަމް އަބްދުއްރަހްމާނަށް މި އިއްޒަތް އެރުވީ، މި އަހަރުގެ ގައުމީ ދުވަސް ފާހަގަކުރެއްވުމަށް ހއ. އުތީމުގައި މިއަދު ހެނދުނު ބޭއްވެވި ރަސްމީ ޖަލްސާގައެވެ.
އާދަމް އަބްދުއްރަހްމާނު، ނުވަތަ މަޝްހޫރު ނަމުން ދަންނަވާނަމަ އުތީމު އާދަމްބެ ދިވެހި ދައުލަތަށް ހިދުމަތް ކުރައްވަން ފެއްޓެވީ، 26 އޮގަސްޓު 1965 ގައި ހއ. އުތީމު ކަތީބުކަމުގެ މަގާމުންނެވެ.
ކަތީބުކަމުގެ މަގާމުގައި 15 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވުމަށްފަހު، ދެން އަދާކުރެއްވީ ހއ. އަތޮޅު އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަގާމެވެ. އާދަމް އަބްދުއްރަޙްމާނު ވަނީ ހއ. އަތޮޅުގެ އަތޮޅުވެރިކަން ތިންފަހަރެއްގެ މަތިން 11 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަދާކުރައްވައިފައެވެ. އާދަމްބެ އުތީމު ކަތީބުކަމުގައި ހުންނެވި ދުވަސްވަރަކީ، އޭރުގެ ރަށުގެ ހާލަތު ހުރިގޮތުންނާއި ވަސީލަތްތައް ހުރިގޮތުން، އުނދަގޫ އެތައް ކަންތައްތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ދުވަސްވަރެކެވެ.
1970ގެ އަހަރުތަކުގައި ރާއްޖޭގެ އަތޮޅުތަކުގެ ރަށްރަށަށް ދިމާވި ކާޑު ލިބުން ދަތިވި މައްސަލަ ހައްލުކުރެއްވުމަށްޓަކައި އެޅުއްވި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން، މާތްﷲގެ ހެޔޮ ރަޙްމަތްފުޅާއެކު، އުތީމުން އެއްވެސް މީހަކު، "ބަނޑަށް މަރުނުވެ" ފުރާނަ ސަލާމަތްކުރެވުނުކަން ހާއްސަ ގޮތެއްގައި ފާހަގަކޮށްލެވެއެވެ.
އާދަމްބެއަކީ، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިންވެސް ވަރަށް ހާއްސަ ގޮތެއްގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ރާއްޖޭގައި މިހާރު ތިއްބެވި ބަހާއި އަދަބުގެ ފަންނީ ބޭފުޅުންގެ ތެރެއިން އެންމެކުރީ ސަފުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއްވެސް މެއެވެ.
އާދަމް އަބްދުއްރަހްމާނަކީ، މޮޅު ލިޔުންތެރިއެކެވެ. އަދީބެކެވެ. ކުޅަދާނަ ވާހަކަދެއްކުންތެރިއެކެވެ. އޭނާގެ އެންމެ ހާއްސަ ފަންނަކީ، ޅެންވެރިކަމުގެ ފަންނެވެ. ދިވެހި އަދަބިއްޔާތަށް ހިދުމަތް ކުރުމުގެ ދާއިރާއިން، ޅެންހެދުމުގެ ރޮނގުން 2004 ވަނަ އަހަރު އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު އާދަމް އަބްދުއްރަހްމާނަށް ވަނީ ލިބިވަޑައިގެންފައެވެ. އަދި އޭގެ 12 އަހަރު ފަހުން، 2016 ވަނަ އަހަރު ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ވަނީ ލިބިވަޑައިގެންފައެވެ.