ހއ. އުތީމުގައި އަލަށް އިމާރާތްކުރި އާ އިންޖީނުގެ އާއި، އޮފީސް އިމާރާތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ހުޅުއްވައި ދެއްވައިފިއެވެ.

އުތީމުގައި ބިނާކޮށްފައިވާ ފެނަކަ ކޯޕަރޭޝަންގެ އާ އިންޖީނުގޭގެ ކުރިމަތީގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދާއި، ދައުލަތުގެ ވަޒީރުންނާއި، މަޖިލިސް މެންބަރުންގެ އިތުރުން ސަރުކާރު ކުންފުނިތަކުގެ ވެރިންނާއި، މުވައްޒަފުން އަދި، އުތީމުގައި ހުރި މުއައްސަސާތަކުގެ ވެރިންނާއި، މުވައްޒަފުން ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން އުތީމު އާންމު ރައްޔިތުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ.

އުތީމުގައި ބިނާކޮށްފައިވާ އާ އިންޖީނުގެ އާއި އޮފީސް އިމާރާތް ހުޅުއްވައި ދެއްވައި ރައީސް ވިދާޅުވީ، އާ އިންޖީނުގެ ހުޅުވިގެން ދިޔުމާއެކު އުތީމުގެ ރައްޔިތުން އުފުލަމުން އައި ތަކުލީފުތަކަށް ނިމުމެއް އައުން ކަމަށެވެ. އުތީމުގައި ކަރަންޓްގެ ހިދުމަތް ފެށިގެން އައި ގޮތާއި އެ ހިދުމަތް ތަރައްގީވެގެން އައި ގޮތުގެ މައްޗަށް އަލި އަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، 5 ކިލޯވޮޓްގެ ޖަނަރޭޓަރަކުން ފެށުނު ކަރަންޓްގެ ހިދުމަތް މިހާރު މިވަނީ އެއް މެގަވޮޓްއާ ހަމައަށް ތަރައްގީ ކުރެވިފައި ކަމަށެވެ.

ހއ. އުތީމުގެ އާ އިންޖީނުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުޅުއްވައި ދެއްވައި ވާހަކަފުޅު ދައްކަވަނީ

ރައްޔިތުން އެދި އެދި ތިބި ހިދުމަތްތައް ދިނުމުގައި ފެނަކައިން އިހްލާސްތެރި އަދި ބޮޑެތި މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށާއި، އެމަނިކުފާނާއި ސަރުކާރާއި ރައްޔިތުންގެ ފުރިހަމަ އިތުބާރު ފެނަކައިގެ ޗެއާމަނަށާއި، އެމްޑީއަށް އަދި މުވައްޒަފުންނަށް އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކަންކަން ކުރުމުގައި އޭގެ އެންމެ ރަނގަޅު ގޮތް ބަލައި، ރައްޔިތުންނަށް އެންމެ ފައިދާ ހުރި، ސަރުކާރަށް އެންމެ ލާބަހުރި ގޮތުގައި ފެނަކައިން މަސައްކަތްތައް ނިންމައި ދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ކޮވިޑް-19ގެ ދަތިކަމުގައި ވެސް މަޝްރޫއުތައް ކުރިޔަށް ގެންދިޔުމަށް ސަރުކާރާ ކުންފުނިތަކުން ކުރި މަސައްކަތްތައް ފާހަގަ ކުރައްވާފައެވެ. މީގެ އިތުރުން އުތީމުގައި ހިންގާ ޕްރޮޖެކްޓްތަކާއި އަދި ކުރިޔަށް ހިންގުމަށް ރާވާފައިވާ ބައެއް ޕްރޮޖެކްޓްތަކުގެ މައުލޫމާތު ވެސް ރައީސް ވަނީ ހިއްސާ ކުރައްވާފައެވެ. އެގޮތުން އުތީމަކީ ތާރީހީ ރަށަކަށް ވުމާއެކު އުތީމަށް ޒިޔާރަތްކުރަން ބޭނުންވާ ފަރާތްތަކަށް ފެރީގެ ނިޒާމާއެކު ލުއިފަސޭހަތައް ލިބިގެން ގޮސްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ކުރިޔަށް އޮތް ތަނުގައި، އުތީމުގައި ހިންގޭ މަޝްރޫއުތަކާ އެކު އުތީމުގެ އިގްތިސޯދު ފުޅާވެގެންދާނެ ކަމަށެވެ.

ހއ. އުތީމުގައި އިމާރަތް ކުރެވުނު އާ އިންޖީނުގެ އާއި އޮފީސް އިމާރާތް ހުޅުއްވައި ދެއްވުމަށް ފަހުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޖީނުގެ އާއި އޮފީސް އިމާރާތް ބައްލަވާލައްވާއި، އެތަނުގެ ހިދުމަތްތަކާއި މަސައްކަތްތައް ރޭވިފައިވާ ގޮތް ބައްލަވާލައްވާފައެވެ.

ހއ. އުތީމުގައި ކުރިން ހުރި އިންޖީނުގެއަކީ، މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި، 24 އަހަރުވީ އިންޖީނުގެ އެކެވެ. އަލަށް އިމާރާތް ކުރެވުނު އިންޖީނުގެ އާއި އޮފީސް އިމާރާތް ބިނާކުރެވިފައި ވަނީ، މީހުން ދިރިއުޅޭ ސަރަހައްދާއި ދުރުގައެވެ. މި އިންޖީނުގެ ފަރުމާކޮށްފައި ވަނީ 600 ކިލޯވޮޓްގެ 4 ޖެންސެޓް ބެހެއްޓޭގޮތަށެވެ.