ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެންބަރު ކަމަށް އައްޔަންކުރުމަށް ދެ ބޭފުޅެއްގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

އެޗްއާރްސީއެމްގެ ނައިބު ރައީސް މުއުމިނާ ވަހީދާއި މެންބަރު ޝިފާއަތު އަބްދުއްރައްޒާގުގެ މަގާމުގެ ދައުރު އަންނަމަހަށް ހަމަވާއިރު، ރައީސް އޮފީހުން ދެ ފަހަރެއްގެ މަތިން ވަނީ އެ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލާފައެވެ. އަދި އެ ކޮމިޝަނަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު ޖުލައި 30، 2025 ވަނަ ދުވަހަށް ހަމަވެފައިވާއިރު އެ މަގާމަށް ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސަށް ފެނިވަޑައިގަންނަވާ ދެ ބޭފުޅުންގެ ނަން މިއަދު ވަނީ މަޖިލީހަށް ފޮނުއްވައިފައެވެ.

އެ ކޮމިޝަނަށް އައްޔަން ކުރަން ފޮނުވި ދެ ބޭފުޅުންނަކީ؛

  • މުހައްމަދު ފާރިސް ތޯހާ، ހ. ސޯސަން
  • މުހައްމަދު ޝަފީގު މަހްމޫދު، މ. ކޮޕީ

އެ ދެ ބޭފުޅުންގެ ނަން ދިރާސާކުރަން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް މިއަދު ވަނީ ފޮނުވައިފައެވެ.

އެޗްއާރުސީއެމްގެ މެންބަރުކަމުގެ ދައުރަކީ 5 އަހަރު ދުވަހެވެ.