ގެވެށި އަނިޔާގެ މައްސަލައެއްގައި ބަލައި ފާސްކުރިއިރު އެޕާޓްމަންޓަކުން 242 ވޭޕް ފްލޭވާ ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ގެވެށި އަނިޔާގެ އެ މައްސަލަ ރިޕޯޓްކޮށްފައި ވަނީ ރޭ 9:14 ހާއިރު ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންއަށް ކަމަށެވެ.
އެ ގެވެށި އަނިޔާގެ މައްސަލައާ ގުޅިގެން ހިޔާ ފްލެޓްގެ އެޕާޓްމަންޓެއް ބަލައި ފާސްކުރުމުގެ ތެރޭގައި ޖުމްލަ 242 ވޭޕް ފްލޭވާ ފުޅި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
ފުލުހުން އިތުރަށް ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހާއެކު ހިލޭ މީހަކަށް ވޭޕެއް ދިނަސް 10،000 ރުފިޔާގެ އަދަދުން ޖޫރިމަނާ ކުރެވެއެވެ. އަދި ވޭޕް ބޭނުންކުރާ ކޮންމެ މީހަކު 5،000ގެ އަދަދަކުން ޖޫރިމަނާ ކުރެވެއެވެ. އަދި ވޭޕް ވިއްކައިފި ނަމަ 20،000 ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރާއިރު ވިއްކި ކޮންމެ ވޭޕަކަށް 10،000 ރުފިޔާގެ ޖޫރިމާނާއެއް އާދެއެވެ.
ރާއްޖޭގައި ވޭޕް ބޭނުން ކުރުމާއި އޭގެ ވިޔަފާރި ކުރުމަކީ މިހާރު ގާނޫނީ ގޮތުން ކުށެކެވެ.