މޫސުމީ ލޮޅުންތަކުގެ ސަބަބުން ރާއްޖޭގައި ފިޔާ ސަޕްލައިއަށް ދިމާވި ދަތިތައް ހައްލު ކުރުމަށް ސްޓޭޑް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ފިޔާ ޝިޕްމެންޓެއް ގެނެސްފިއެވެ.

އެސްޓީއޯއިން ބުނީ މި ފިޔާ ސްޓޮކް މިހާރު ބާޒާރަށް ނެރެފައިވާ ކަމަށާއި، އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯ ހޯލްސޭލް ސެންޓަރުން މިވަގުތު ފިޔާ ލިބެން ހުންނާނެ ކަމަށެވެ.

އެސްޓީއޯއިން އިތުރަށް ބުނީ އެސްޓީއޯގެ ޕީޕަލްސް ޗޮއިސުން ފިޔާ ކިލޯއެއް މިވަގުތު ލިބެން ހުންނާނީ 15 ރުފިޔާއަށް ކަމަށާއި، އެސްޓީއޯ ހޯލްސޭލް ސެންޓަރުން ހޯލްސޭލް ކޮށްވެސް މިވަގުތު ފިޔާ ލިބޭނެ ކަމަށެވެ.

ސަޕްލައި ޗެއިންގެ ބަދަލުތަކާއި، މޫސުމީ ލޮޅުންތަކުގެ ސަބަބުން ބާޒާރުގައި ތަކެތި ލިބުމަށް ދަތިވެ، ތަކެތީގެ އަގު އުފުލިގެންދާ ވަގުތު ތަކުގައި އެސްޓީއޯ އިން އަގުތައް ކޮންޓްރޯލް ކުރުމަށާއި އާންމުންނަށް ފަސޭހައިން އެ ތަކެތި ލިބޭނެ ގޮތް ހެދުމަށްޓަކައި އަބަދުވެސް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

އެގޮތުން އެސްޓީއޯއިން ބުނީ ކުރިއަށް އޮތް ހަފްތާތަކުގައި އިތުރު ޝިޕްމަންޓްތައް އަންނާނެކަމަށާއި، މުޅި ގައުމަށް އަސާސީ މުދަލުގެ ސަޕްލައި އަދި އަގު ހަމަޖެހޭ މިންގަނޑެއްގައި ހިފެހެއްޓުމަށް އެސްޓީއޯއިން އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މާލޭގެ ބާޒާރުން ފިޔާ ހުސްވުމުގެ ކުރިން އަގުތަކަށް ބަލާއިރު، ފިޔާ ބަސްތާއެއް 350ރ. އާއި 400ރ. އާ ދެމެދުގެ އަގެއްގައި ހުރިއިރު، ފިޔާ ކިލޯއެއް ހުރީ 18ރ. އާއި 25ރ. އާ ދެމެދުގެ އަގެއްގައެވެ.