ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ރައީސް މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު، ސިންގަޕޫރަށް ވަޑައިގަތީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ. ނަމަވެސް ރައީސް އޮފީހުން ރައީސްގެ މި ދަތުރުފުޅާ ގުލޭ ގޮތުން ތަފްސީލެއް ނުދެއެވެ.
މިދިޔަ ޖޫން މަހުގެ ތެރޭގައި ވެސް ރައީސް ވަނީ ސިންގަޕޫރަށް ދަތުރުފުޅު ކުރައްވާފައެވެ. އެ ގައުމުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދައުވަތަކަށް ޖޫން މަހުގެ 29 އިން ޖުލައި 2 ވަނަ ދުވަހުގެ ނިޔަލަށް ކުރެއްވި ރަސްމީ އެ ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް ސިންގަޕޫރަށް ކުރެއްވި އެ ދަތުރުފުޅުގައި ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްއާއި ބައްދަލުކުރައްވާ، ދެ ގައުމުގެ ދެމެދުގައި އިތުރު ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންވަނީ މަޝްވަރާކުރައްވާފައެވެ. އަދި ހަމަ އެހެންމެ ބޮޑުވަޒީރު ލޯރެންސް ވޮންގްގެ އިތުރުން އެ ގައުމުގެ ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކުރައްވައި، ދެ ޤައުމަށް މަންފާކުރާނެ ތަރައްގީގެ ގުޅުންތަކާއި އެކުވެރިކަން ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކުރައްވާފައެވެ.
އޭގެ ކުރިންވެސް އެމަނިކުފާނު ވަނީ އާއިލާއާއެކު ސިންގަޕޫރަށް ނުރަސްމީ ދަތުރުތަކެއް ކުރައްވާފައެވެ.