މިދިޔަ ޖޫން މަހު ޖެންޑާ މިނިސްޓްރީއަށް މިދިޔަ ޖޫން މަހު ޖުމްލަ 225 މައްސަލަ އެއް ހޫށަހަޅާފައިވާ އިރު، ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް 88 މައްސަލައެއް ހުށަހަޅާފައި ވާކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.
ޖެންޑާ މިނިސްޓްރީން މިއަދު އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ މަހު އެންމެ ގިނައިން ހުށަހަޅާފައި ވަނީ އެކި ގޮތްގޮތުން ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލައެވެ. އެގޮތުން ޖޫން މަހު 88 މައްސަލަ ހުށަހަޅާފައި ވާއިރު އޭގެ ތެރެއިން 27 މައްސަލައަކީ ކުދިންނަށް ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލައެވެ.
ހަމައެއާއެކު ޖިސްމާނީ ގޮތުން ކުޑަކުދިންނަށް ކުރާ އަނިޔާގެ 18 މައްސަލަ ހުށަހަޅާފައި ވާއިރު ނަފްސާނީ ގޮތުން ކުދިންނަށް އަނިޔާ ލިބުނު 8 މައްސަލައެއް ހުށަހަޅާފައި ވެއެވެ. އަދި ގެވެށި އަނިޔާ ކުރާ މަންޒަރު ކުދިންނަށް ފެނިފައިވާ 7 މައްސަލައަކާއި، ބުލީގެ ޝިކާރައާ ކުދިން ކުރިމަތިލާން ޖެހުނު 6 މައްސަލައެއް ހުށަހަޅާފައި ވެއެވެ.
މީގެ އިތުރުން އިހުމާލުވުމުގެ 13 މައްސަލައަކާއި ބްލެކްމެއިލް ކުރުމުގެ 4 މައްސަލައެއް ވެސް ވަނީ ހުށަހަޅާފައެވެ. އަދި ސައިބާ ގްރޫމިން އާއި ސެކްޝުއަލް ގްރޫމިން އާއި ފުރައްސާރައިގެ މައްސަލަތައް ވެސް ވެސް ހުށަހަޅާފައި ވެއެވެ.
މިދިޔަ ޖޫން މަހު އާއިލީ މައްސަލަތަކާއި ގުޅުންހުރި 39 މައްސަލައެއް ޖެންޑާ މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ. އޭގެތެރޭގައި ކުދިން ބެލުމުގައި ޖެހޭ މައްސަލަތަކުގެ 6 މައްސަލަ، ކުދިންނާއި ބައްދަލުކުރުމުގައި ޖެހޭ 13 މައްސަލައެއް، ބެލެހެއްޓުންތެރިކަމުގެ 6 މައްސަލަ އަދި ހަޟާނާތުގެ 14 މައްސަލަ ހިމެނެއެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 35 މައްސަލައެއް ޖޫން މަހު ހުށަހަޅާފައި ވެއެވެ. މީގެ ތެރޭގައި ޖިސްމާނީ އަނިޔާ ކުރުމުގެ 14 މައްސަލައަކާއި، ނަފްސާނީ އަނިޔާ ކުރުމާއި އަނގަ ބަހުން ކުރެވޭ އަނިޔާގެ 14 މައްސަލައިގެ އިތުރުން ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 5 މައްސަލައެއް ވެސް ހިމެނެއެވެ.
މީގެއިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ވެސް 4 މައްސަލައެއް ޖެންޑާއަށް ވަނީ ހުށަހަޅާފައެވެ. ހަމައެއާއެކު ކުޑަކުދިންގެ އަހްލާގާއި ގުޅުން ހުރި 24 މައްސަލައެއް ވެސް ހުށަހަޅާފައި ވެއެވެ.