ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަލީ ޒުހައިރު، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރަށް އައްޔަން ކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ، އެޗްޑީސީގެ މެނޭޖިންގެ ޑިރެކްޓަރުގެ މަގާމަށް، ދަފްތަރު ނަންބަރު ރސ. 6544، ބްރިގޭޑިޔާ ޖެނެރަލް (ރޓ) އަލީ ޒުހައިރު މިއަދު އައްޔަންކޮށްފައިވާ ކަމަށެވެ. ހަމައެއާއެކު އާރުޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ދަފްތަރު ނަންބަރު ރސ. 6544، ބްރިގޭޑިޔާ ޖެނެރަލް (ރޓ) އަލީ ޒުހައިރު ވަކިކޮށް، އެ މަގާމަށް މއ. އެލީޒިއަމް އިބްރާހިމް ނަޒީމް މިއަދު އައްޔަންކޮށްފައިވާ ކަމަށެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މައުރޫފު ޖަމީލު މިއަދު އިސްތިއުފާ ދެއްވުމުންނެވެ.
އާރުޑީސީއަށް އައްޔަން ކުރެއްވި ނަޒީމް މިހާތަނަށް ހުންނެވީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައެވެ. އޭނާ ވަނީީ ކުރިން ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަންވެސް ކުރައްވާފައެވެ. އަދި މަގުތައް ހެދުމާއި ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށް އުފެއްދި ކުންފުނި (އެމްއާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމް ވެސް އޭނާ ވަނީ ފުރުއްވާފައެވެ.
އާރުޑީސީގެ އެމްޑީގެ މަގާމުގައި ކުރިން ހުންނެވި ޒުހައިރަކީ ސިފައިން ގޭގައި ބްރިގޭޑިއާ ޖެނެރަލްގެ ރޭންކް ފުރުއްވުމަށް ފަހު ރިޓަޔާ ކުރައްވާފައި ހުންނެވި ބޭފުޅެކެވެ. އޭނާ އާރްޑީސީގެ އެމްޑީގެ މަގާމަށް އައްޔަން ކޮށްފައި ވަނީ ނޮވެމްބަރު 29، 2023 ގައެވެ.