މި ހިނގާ 2025 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 558 މިލިއަން ރުފިޔާ ހޯދައިފިއެވެ.

އެ ކުންފުނިން މިއަދު އާންމު ކުރި މާލީ މައުލޫމާތު ތަކުގައި ބުނެފައި ވަނީ މި އަހަރުގެ ދެވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 790 މިލިއަން ރުފިޔާ އެ ކުންފުނިން ހޯދާފައިވާ ކަމަށެވެ. އަދި މި މުއްދަތުގައި ސާފު ފައިދާގެ ގޮތުގައި ބޭންކަށް 558 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 24 ޕަސެންޓުގެ ކުރިއެރުމެއް ކަމަށް ވެއެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެގޮތުގައި ބޭންކަށް 1.05 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި މިއީ މިދިޔަ އަހަރުގެ ފުރަތަމަ ހަމަސްދުވަހާ އަޅައިބަލާއިރު 12 ޕަސެންޓުގެ ކުރިއެރުމެއް ކަަމަށް އެ ބޭންކުން ބުނެއެވެ. އަދި ހަމަ އެހެންމެ މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ހިންގުމުގެފައިދާގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ ކުރީ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 6 ޕަސެންޓުގެ ކުރިއެރުމެކެވެ.

މިއަހަރު ދޫ ކުރި ލޯނުގެ ތަފްސީލް:

  • ދެވަނަ ކުއާޓަރު ނިމުނުއިރު ބޭންކުން ޖުމްލަ 21.3 ބިލިއަން ރުފިޔާގެ ލޯނު ދޫކުރި
  • މި އަހަރުގެ ދެވަނަ ކުއާޓަރުގެ ނިޔަލަށް ބޭންކުންވަނީ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް މުޅިން އަލަށް 3 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައި
  • 33.6 ބިލިއަން ރުފިޔާގެޑިޕޮސިޓާއެކު ޖުމްލަ އެސެޓް ހުރީ 51 ބިލިއަން ރުފިޔާގައި

މި ނަތީޖާއާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ މި ކުއާޓަރުގައި ބޭންކުން ހޯދި ހަރުދަނާ ނަތީޖާއަކީ ލިބޭ އުފަލެއް ކަމަށާއި މި ނަތީޖާއިން ދައްކުވައިދެނީ މުވައްޒަފުން މަސައްކަތަށްދޭ އަހުމިއްޔަތުކަމާއި ސްޓްރެޓެޖީގެ ހަރުދަނާކަން ކަމަށެވެ.

"ބޭންކުގެ ހިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރުމަށް އަމާޒު ހިފާފައިވާއިރު، އަޅުގަނޑުމެން މިދަނީ ދެމެހެއްޓެނިވި މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތް ވީހާވެސް ފަސޭހައިން ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުން. އަޅުގަނޑުމެންގެ އަމާޒަކީ ބޭންކުގެ ފައިދާ އިތުރުކުރުމާއެކު ގައުމަށް ފައިދާކުރާނެ އަދި މަންފާ ލިބޭނެ ބަދަލުތަކެއް ގެނައުން"
ބޭންކުގެ ސީއީއޯ ޝަރީފް

ވޭތުވެދިޔަ ކުއާޓަރގައި ބީއެމްއެލްއިން ވަނީ އަހަރީ އާންމު ޖަލްސާ ބާއްވައ،ި ހިއްސާދާރުންނަށް ހިއްސާއަކަށް 55 ރުފިޔާގެ މަގުން 296 މިލިއަން ރުފިޔާގެ ރެކޯޑު އަދަދެއް ބަހަން ވަނީ ފާސްކޮށްފައެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލް އޭޓީއެމް ބެހެއްޓުމަށް ހިންގާ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއު ވެސް މި ކުއާޓާގައި ވަނީ އިތުރަށް ފުޅާކޮށްފައެވެ. މިގޮތުން ނ. މ. ށ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމުކުރުމުގެ ލަނޑުދަނޑި ހާސިލްކޮށް، ކ. ހުރާގައި އޭޓީއެމް ވަނީ ބަހައްޓާފައިވެއެވެ. މިއާއެކު ކ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް އޭޓީއެމް ހިދުމަތް ވަނީ ގާއިމްކޮށްފައެވެ.

މި ކުއާޓަރުގައި ތިމާވެށި ހިމާޔަތްކުރުމަށް ބޭންކުންވަނީ "އީއެންވީ ޕީއޯއެސް" ވެސް ތައާރަފްކޮށްފަ އެވެ. މި ޕްރޮގްރާމްގެ ދަށުން ބީއެމްއެލް ކާޑު މެޝިން ބޭނުންކޮށްގެން ކުރާ ކޮންމެ މުއާމަލާތަކަށް ބޭންކުން ވަކި އަދަދެއް ކަނޑައަޅައި ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ހިންގާ މަސައްކަތަށް ހޭދަކުރުމަށް ނިންމާފައެވެ. މި ޕްރޮގްރާމަށް ކަސްޓަމަރުންވެސް އަދި ވިޔަފާރިތަކުންވެސް އެއްވެސް އިތުރު ހަރަދެއް ކުރާކަށް ނުޖެހެއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގް ވިއުގައަކާއ،ި ރާއްޖޭގެ 20 އަތޮޅެއްގައި 40 ބްރާންޗ،ް 133 ސެލްފް ސާވިސް ބޭންކިންގް ސެންޓަރު، 188 އޭޓީއެމް، އެޖެންޓް ބޭންކިންގް، ހިދުމަތްތަކާއެކު ބޭންކް އޮފް މޯލްޑިވްސްއިން ފުރިހަމަ ޑިޖިޓަލް ހިދުމަތްތެއް ފޯރުކޮށްދެއެވެ. އަދި އަބަދުވެސް ބޭންކުން މަސައްކަތް ކުރަމުންދަނީ އީޖާދީ ބޭންކިންގ ހައްލުތައް ގާއިމުކޮށް މުޖުތަމައު ބާރުވެރިކުރުމަށް ކަމަށް ވެއެވެ.