އިންޑިއާ އާއި ރާއްޖެއާ ދެމެދު 8 ދާއިރާއަކުން ގުޅުން ބަދަހިކުރުމަށް ނިންމާފައިވާ އިރު، އިންޑިއާ އިން 565 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީއެއް ދިނުމަށް ނިންމައި އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމާ އެކު އިތުރު 7 އެއްބަސްވުމެއްގައި ސޮއި ކޮށްފައި ވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުންތަކުގެ ތެރޭގައި ދެގައުމުގެ ދެމެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމަށް މަޝްވަރާތައް ފެށުމާ ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީސު ސޮއިކުރެއްވި އިރު އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރެވެ.
ދެން ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި 565 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފްރޭމްވޯކް އެއްބަސްވުމާއި، ޑޮލަރު ކްރެޑިޓު ލައިން އެއްބަސްވުން ހިމެނެއެވެ. މި ދެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އަދި އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރެވެ.
ހަތަރުވަނައަށް ސޮއިކުރެއްވީ މަސްވެރިކަމާއި އެކުއަކަލްޗާގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް އަދި އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރެވެ.
އެއަށްފަހު ކޮލިޓީ ބޭސް ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައި ވާއިރު، އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމެވެ. އަދި އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރެވެ.
ހަމައެއާއެކު މޫސުމާބެހޭ އިލްމާއި، ޖައްވުގެ އިލްމާއި، ތިމާވެށި މޮނިޓާ ކުރުމުގެ ދާއިރާއިން އޮނިގަނޑެއް ގާއިމުކުރުމާ ބެހޭ އެއްބަސްވުމެއްގައި ވެސް ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެންވާރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމައެވެ. އަދި އިންޑިއާ ސަރުކާރުގެ ފަރާތުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރެވެ.
މީގެ އިތުރުން ޑިޖިޓަލް ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފަިއވާ އިރު އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ. އަދި އިންޑިއާ ސަރުކާރުގެ ފަރާތުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރެވެ.
އަދި ކްރޮސް ބޯޑާ ރެމިޓެންސް އެއްބަސްވުމެއްގައި ވެސް ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރެވެ.