ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެއާޕޯޓް އެމެޖެންސީ ސާވިސަސްގެ ފަރާތުން އާ ފަސިންޖާ ޓާމިނަލް އޮޕަރޭޝަނަލައިޒް ކުރުމަށްޓަކައި އެމަޖެންސީ ރެސްޕޮންސް ޑްރިލެއް ކުރިއަށް ގެންގޮސްފިއެވެ.
މި ޑްރިލްގައި އެމަޖަންސީގެ ތަފާތު ހާލަތްތަކުގައި އަމަލުކުރާނެ ގޮތް ޓެސްޓުކޮށްފައިވާ ކަމަށް އެއާޕޯޓު ހިންގަމުންދާ އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.
އޭގެ ތެރޭގައި، ފަސިންޖަރުންނަށް ކަމެއް ދިމާވެއްޖެ ހާލަތެއްގައި އެންމެ އަވަހަށް އެހީތެރިކަން ފޯރުކޮށްދީ، އެންބިއުލަންސް މެދުވެރިކޮށް އަވަސް ފަރުވާގެ ހިދުމަތް ފޯރުކޮށްދެވޭނެ އެންމެ ކުރު މަގުތައް ދެނެގަނެ، އެކަންކަން ޔަގީންކޮށްފައި ވެއެވެ.
އަދި ހަމަ އެހެންމެ މިއީ ބައިނަލްއަގްވާމީ ގޮތުން ބަލާ ފަޔާ އެންޑް ސޭފްޓީ މިންގަނޑުތަކަށް ފެތޭ، މަތީފެންވަރުގެ ފަޔާ އެންޑް ސޭފްޓީގެ ހިދުމަތް ފޯރުކޮށްދެވޭނެ ޓާމިނަލްއެއްކަން އެމަޖެންސީ ސާވިސަސްގެ ތެރެއިން ވަނީ ކަށަވަރުކޮށްފައެވެ.
މި ޑްރިލްއަކީ، ދިމާވެދާނެ ހާލަތަކަށް ތައްޔާރުވުމަށްޓަކައި ކުރިއަށް ގެންދެވުނު ހަރަކާތެއް ނަމަވެސް، އަލިފާނުގެ ހާދިސާއެއް ހިނގައި ފަސިންޖަރުން އެމަޖެންސީގައި ބޭރަށް ނެރެންޖެހޭ ފަދަ ހާލަތެއް މެދުވެރިވުމަކީ ވަރަށް ދުރުކަމެއްކަމަށްވެސް އެމަޖެންސީ ސާވިސަސްގެ ފާރާތުން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން ވެސް އަލިފާނުގެ ހާދިސާގެ ހިނގުމުން، ކުއްލި ހާލަތުގައި ސަލާމަތްތެރިކަމާއެކު ފަސިންޖަރުން ޓާމިނަލުން ބޭރަށް ގެންދިއުމުގެ މޮކަޕް ޑްރިލްއެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މިހަރާކާތުގައި ޓާމިނަލްގައި ހަރަކާތްތެރިވާނެ ފަޔާ ވާޑެންސްގެ ހަރަކާތްތައްވެސް ބަލައި ޓެސްޓްކޮށްފައިވެއެވެ. އެގޮތުން އާ ޓާމިނަލުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ތެރެއިން 65 މުވައްޒަފުންވަނީ ފަޔާ ވާޑެންގެ ގޮތުގައި ތަމްރީން ކޮށްފައެވެ.