ހުޅުމާލެ ބޮންޑެޑް ވެއާހައުސްގެ ލީސް ފީތަކަށް ގެނައި ބަދަލުތަކާ ގުޅިގެން، ބާޒާރުގައި އާންމު މުދަލުގެ އަގުތަކަށް އަސަރުކުރާނެ އެއްވެސް ސަބަބެއް ނެތް ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.
އެމްޕިއެލް އިން މިހެން ބުނެފައި ވަނީ ހުޅުމާލެ ބޮންޑެޑް ވެއާހައުސް އޭރިއާ 1، 2، އަދި 3 ގެ ލީސް ފީ އަށް ގެނައި ބަދަލުތަކާ ގުޅިގެން ގިނަ ބައެއްގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އަމާޒުވެފައިވާ ދަނދިވަޅެއްގައެވެ.
އެމްޕީއެލް އިން ބުނީ، ހުޅުމާލެ ބޮންޑެޑް ވެއާހައުސް އޭރިޔާ 1، 2 އަދި 3 ގައި ބޮންޑް ކުރަނީ ޓޫރިސްޓް ރިސޯޓްތަކަށް ގެންނަ ބަނގުރަލާއި އޫރު މަހުގެ ބާވަތްތައް ކަމަށާއި އެހެންކަމުން އެތަނުން ނގާ ލީސް ފީގެ ސަބަބުން ބާޒާރުގައި ވިއްކަ މުދަލުގެ އަގުތަކަށް ބަދަލު ނާންނާނެ ކަމަށެވެ. އެމްޕީއެލް އިން އާންމު ކުރި އިއުލާނުގައި ބުނާ ގޮތުގައި ބޮންޑެޑް ވެއާހައުސްގައި 20 ފޫޓުގެ ކޮންޓެއިނަރެއް އެއް މަސްދުވަހަށް ބެހެއްޓުމަށް ނަގަމުންދާނީ 1134 ޑޮލަރެވެ. އަދި 40 ފޫޓުގެ ކޮންޓެއިނަރެއް ބެހެއްޓުމަށް ނަގާނީ 2268 ޑޮލަރެވެ. މި އަދަދަށް ފީ ބޮޑުވާނީ އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.
އެމްޕީއެލް އިން ބުނީ، އެ ކުންފުނިން ހުޅުމާލެ ބޮންޑެޑް ވެއާހައުސްގެ ހިދުމަތް ފޯރުކޮށް ދެނީ ކަސްޓަމަރުންގެ މުދަލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން 24 ގަޑިއިރުގެ ސެކިއުރިޓީއާ އެކުގައި ކަމަށެވެ. މި ސަރަހައްދުގައި މޯލްޑިވްސް ކަސްޓަމްސްގެ ހިދުމަތްތައް ފޯރުކޮށް ދިނުމަށް ކަސްޓަމްސްގެ ފެސިލިޓީއެއް ވެސް ވަނީ ގާއިމްކޮށްފައި ކަމަށް އެމްޕީއޭލް އިން ބުނެއެވެ. މީގެ އިތުރުން ބޮންޑެޑް ވެއާހައުސް ސަރަހައްދުން މުދާ ލޯޑު ކުރުމާއި އަންލޯޑް ކުރުމަށް، ވަކި ކީ ވޯލެއް ވަނީ ކަނޑައަޅާފައި ކަމަށް ވެސް އެމްޕީއެލް އިން ބުނެއެވެ.
އެ ސަރަހައްދުގެ މެއިންޓަނަންސްގެ މަސައްކަތް ވެސް އެ ކުންފުނިން ގަވައިދުން ކުރަމުންދާ އިރު، ދެެމެހެއްޓެނިވި ގޮތެއްގައި، ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ހިދުމަތެއް ދިނުމަށް ބޮޑު ހޭދައެއް ކުރަމުން އަންނަ ކަމަށް އެމްޕީއެލް އިން ބުނެއެވެ. އަދި މިހާރު ކަސްޓަމަރުން އަމިއްލައަށް ކުނި އުކާލަން ޖެހުނު ނަމަވެސް، އަންނަ މަހުގެ 15 އިން ފެށިގެން ވޭސްޓް ޑިސްޕޯސަލްގެ ހިދުމަތް ވެސް ބޮންޑެޑް ވެއާހައުސްގެ ކަސްޓަމަރުންނަށް ފޯރުކޮށްދޭނެ ކަމަށް އެމްޕީއެލް އިން ބުނެއެެވެ.