އެމްޑީޕީއަށް 20 އަހަރު ފުރުމާ ގުޅިގެން ބާއްވަން ނިންމާފައިވާ "ރަން ރީނދޫ" ދުވުން ބާއްވަން އެޗްޑީސީއިން ހުއްދަ ނުދިނުމުން އެ ދުވުން މާލޭގައި ބާއްވަން އެމްޑީޕީއިން ނިންމައިފިއެވެ.
އެމްޑީޕީއިން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ އެ ދުވުން ބޭއްވުމަށް ރާވާފައި ވަނީ އަންނަ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކު ވަށައިގެން އޮންނަ މަގުގައި ކުރިއަށް ގެންދިއުމަށް ކަމަށެވެ.
އެހެންނަމަވެސް އެޗްޑީސީއިން ހުއްދަ ދީފައިނުވާ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. އަދި ހުޅުމާލެ ފޭސް 2 ރުއްގަނޑު 3 ސަރަހައްދު ފިޔަވައި އެހެން ސަރަހައްދެއްގައި ސިޔާސީ ހަރަކާތެއް ބާއްވަން ހުއްދަ ނުދެވޭނެ ކަމަށް އެޗްޑީސީއިން ބުނެފައިވާ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވިއެވެ.
ހަސަން ލަތީފް ވިދާޅުވީ ހުޅުމާލޭގައި ދުވުން ކުރިއަށް ގެންދިއުމުގެ ހުއްދަ ނުލިބުމާއެކު އެ ދުވުން މާލޭގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އެހެންކަމުން މި މަހުގެ 25 ވަނަ ދުވަހު މާލޭގެ މަޖީދީމަގުގައި (އާޓިފިޝަލް ބީޗުން ފެށިގެން ރަސްފަންނަށް) މި ދުވުން ކުރިއަށް ގެންދަން އެމްޑީޕީއިން ވަނީ ނިންމާފައެވެ.
އެމްޑީޕީއަށް 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މާލޭގައި ހަވީރު 4:00 އިން 6:00އަށް ދުވުން ބާއްވަން އެމްޑީޕީއިން މިހާރު ނިންމާފައިވާއިރު، އެ ދުވުން މާލޭގައި ބޭއްވުމަށްފަހު، ތުރާކުނުން ފެށިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ބޭއްވުމަށް ނިންމާފައިވާކަން ހަސަން ލަތީފް ފާހަގަކުރެއްވިއެވެ.