"މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް" ގެ ނަން "ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް"އަށް ރައީސް ބަދަލުކުރައްވައިފިއެވެ.
މި ބަދަލު ގެންނަވައި އެކަން އިއުލާނުކުރައްވާފައި ވަނީ ނަންބަރު 2025/19، ގަރާރުންނެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް ކުންފުންޏަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވައި ސިންދަފާތުކުރުމަށްޓަކައި އިސްތިރާޖީ ގޮތެއްގައި ސަރުކާރުގެ ފަރާތުން ކުރަމުންއަންނަ މަސައްކަތްތަކުގެ ތެރެއިން ދިވެހިރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދުނިޔޭގައި އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަށް އެކުލަވާލާފައިވާ ކުންފުންޏެކެވެ.
މީގެއިތުރުން މަތީ ފެންވަރުގައި ދުނިޔޭގައި ފާހަގަކުރެވޭ ފަދަ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށް ކުރަންޖެހޭ މާކެޓިން، ޕްރޮމޯޝަން އަދި އިޝްތިހާރުކުރުމުގެ އެންމެހައި މަސައްކަތް ސީދާގޮތުންނާއި އިސްތިރާޖީގޮތުން ދެމެހެއްޓެނިވި ގޮތެއްގައި މެދުކެނޑުމެއް ނެތި ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަނީ ވިިޒިޓް މޯލްޑިވްސްއިންނެވެ.
ފަސޭހައިން ދެނެގަނެވޭނެ ގޮތަކަށް ހެދުމަށް ވިޒިޓް މޯލްޑިވްސްއިން ވަނީ އެ ކުންފުނީގެ ލޯގޯއަށް ބަދަލުތަކެއް ވެސް ގެނެސްފައެވެ. އެގޮތުން ގެނެވުނު އިސްލާހުތަކުގެ ތެރޭގައި ލޯގޯގެ ކުލަތަކުގެ ޓޯންތަކަށް ގެނެވުނު ކުދިކުދި ބަދަލުތަކަކާއި، ހުޅުވިފައިވާ ހާމަތަންތަނުގައި އިޝްތިހާރު ހަރުކުރެވޭއިރު ބަލާމީހުންނަށް ފަސޭހައިން ދެނެގަނެވޭނެ ފަދަ ގޮތަކަށް ބައްޓަން ކުރުމަށް ލޯގޯޓައިޕަށް ގެނެވުނު ބަދަލުތައް ހިމެނެއެވެ.