ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ވީއައިއޭގައި ހިދުމަތް ދޭ އިދާރާތަކާއި ކުންފުނިތަކާއެކު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެއްބަސްވުންތަކެއް ހަދަން ފަށައިފިއެވެ.

އެމްއޭސީއެލްއިން ބުނީ މި އެއްބަސްވުންތަކުގެ މަގުސަދަކީ ވީއައިއޭގެ އާ ފަސިންޖަރު ޓާމިނަލް ހުޅުވާއިރު އެއާޕޯޓުގެ އެކި ސަރަހައްދުތަކުން ދޭ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް, އެއް ފެންވަރެއްގައި ބެހެއްޓުމާއި އޮޕަރޭޝަނަލް ޕްރެކްޓިސްތައް ހަރުދަނާ ކުރުން ކަމަށެވެ.

ހަމައެއާކު ފަސިންޖަރުންނާއި މުދާ އުފުލުމުގެ ހިދުމަތްތައް ފުރިހަމަވެ، މެދުނުކެނޑި ހިދުމަތް ދިނުމަކީވެސް އެ އެއްބަސްވުންތަކުގެ މަގުސަދެއް ކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެމްއޭސީއެލް އިން ވަނީ އެގްރިކަލްޗާ މިނިސްޓްރީއާ އާއެކު އެއްބަސްވުމެއް ހަދައިފައެވެ. އެމްއޭސީއެލްއިން ބުނީ އެ އެއްބަސްވުމުގެ ބޭނުމަކީ ވީއައިއޭ މެދުވެރިކޮށް ގަސްގަހާގެހި އަދި ޖަނަވާރު އެތެރެކުރުމުގައި އިންޓަ އޭޖެންސީ ގުޅުން ހަރުދަނާކޮށް ކާގޯ އޮޕަރޭޝަންތައް ހަލުވި ކުރުން ކަމަށެވެ.

ފަސިންޖަރުން އިތުރުވެ އާ ކަނެކްޝަން އިތުރުވަމުންދާއިރު، ރާއްޖޭގެ ވައިގެ މައި ދޮރާށި ބަލަހައްޓާ ކުންފުނީގެ ހައިސިއްޔަތުން ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ދައުރު ހަރުދަނާ ކުރުމަށް މަސައްކަތްތައް ކުރަމުންދާ ކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.