ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް)ގެ ކުރީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ނޮއެލް ގްރެގާ ޕެޓަސަން ޖޯންސް މަގާމުން އިސްތިއުފާދެއްވުމާ ހަމައަށް މުސާރަ އާއި އިނާޔަތްތައް ދީފައިވާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

މުސާރަ އާއި އިނާޔަތް ނުލިބޭ ކަމަށް ބުނެ ނޮއެލް ވަނީ މިދިޔަ އޭޕްރީލް މަހު ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލްއަށް މައްސަލައެއް ހުށަހަޅާފައެވެ. އެ މައްސަލައާ ގުޅިގެން ޑިވެލޮޕްމެންޓް ބޭންކުން ނެރުނު ބަޔާނުގައި ބުނީ، ސީއީއޯގެ މަގާމުން ނޮއެލް އިސްތިއުފާ ދިނުމާ ހަމައަށް މުސާރަ އާއި އިނާޔަތްތައް ބޭންކުން ދީފައިވާކަން ޔަގީންކޮށްދޭ ކަމަށެވެ.

އަދި މަގާމުން އިސްތިއުފާ ހުށަހެޅީ ބޭންކުން މުސާރަ އަދާނުކޮށްގެން ކަމަށް ނުދެކޭކަން ފާހަގަކޮށް ޑީބީއެމް އިން ބުނީ، މި އަހަރުގެ މާޗު 20 ގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ސީއީއޯ ހުށަހެޅި އިސްތިއުފާ، އެ ތާރީހުން ފެށިގެން ބަލައިގަނެ އެކަން ޑިވެލޮޕްމަންޓް ބޭންކުގެ ބޯޑަށާއި ސީއީއޯއަށް ވެސް އެ މަހުގެ 23 ގައި އަންގާފައި ކަމަށެވެ.

އަދި މަގާމުން އިސްތިއުފާ ދެއްވުމުގެ ދުވަސްކޮޅެއް ކުރިން ސީއީއޯ ރާއްޖެ ދޫކޮށް ގޮސްފައިވާކަން ފާހަގަކޮށް އެ ބޭންކުން ބުނީ އިސްތިއުފާ ހުށަހެޅުއްވުމަށް ފަހު އެ ބޭންކްގެ ވަޒީފާގައި އެއްވެސް ދައުރެއް އޭނާ އަދާ ނުކުރާ ކަމަށެވެ.

ނޮއެލް ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މައްސަލަ ބޭންކުގެ ގާނޫނީ ވަކީލުންގެ ޓީމަކުން ބަލަމުން ދިއުމުގެ އިތުރުން އެ ބޭންކަށް ސީއީއޯއާއި އެމްޑިއެއް އައްޔަންކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އެ ބޭންކުން ބުނެފައި ވެއެވެ.

މުސާރަ ނުލިބޭކަމަށް ބުނެ ނޮއެލް ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މައްސަލަ މި މަހުގެ ހަތްވަނަ ދުވަހު އެ އިދާރާއިން ވަނީ ބާތިލްކޮށްފައެވެ. އެ މައްސަލަ ބާތިލްކޮށްފައިވަނީ މައްސަލަ ހުށަހެޅި ފަރާތަކީ ދިވެހި ބަސް ނޭނގޭ ބިދޭސީއަކަށް ވާތީ ތަރުޖަމާނަކު ހޯދަން ދިން ފުރުސަތުގައި އެކަން ކޮށްފައި ނުވާތީ ކަމަށް ޓްރައިބިއުނަލްގެ ނިންމުމުގައިވެއެވެ.