ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ފޯރުކޮށްދިނުމަށް އުފެއްދެވި މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކްގެ ބޯޑު މެންބަރުކަމުން އިތުރު މެންބަރަކު އިސްތިއުފާ ދެއްވައިފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ ޑިވެލޮޕްމެންޓް ބޭންކުގެ ބޯޑު މެންބަރު ކަމުގެ މަގާމުގައި ހުންނެވި މއ. ވޭސައިޑް, 805 ފްލެޓް، އަހްމަދު އަލީ، އިއްޔެ, އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ، އޭނާގެ އިސްތިއުފާ ގަބޫލުކޮށް އެ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހު އެ ބޭންކްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރުކަމުގެ މަގާމުގައި ހުންނެވި ނޮއެލް ގްރެގާ ޕެޓާސަން-ޖޯންސް ވެސް ވަނީ މަގާމުން އިސްތިއުފާދެއްވާފައެވެ.

ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ދެމެހެއްޓެނިވި އިގުތިސޯދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓް ކުރުމާއި އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދަން ސަރުކާރުން އުފެއްދި މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކަކީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެކެވެ.