މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އޭވިއޭޝަން އިންސްޓިޓިއުޓް މޯލްޑިވްސް (އެއިމް)ގެ ސެޓްފިކެޓް 3 އިން އެއާޕޯޓް ސެކިއުރިޓީ އެންޑް މެނޭޖްމަންޓް ކޯސް ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ، އެސްޓޭޓް ސެކިއުރިޓީ ސާވިސަސް (އީއެސްއެސް) އިން ކުރަމުންދަނީ މުހިންމު މަސައްކަތްތަކެއްކަން ފާހަގަކޮށް، އެކަމަށްޓަކައި އީއެސްއެސްގެ މުޅި ޓީމަށް ޝުކުރާއި މަރުހަބާ ދަންނަވާފައެވެ.

އަދި ޓެކްސީ ކިއުގެ މައްސަލަ ބޮޑުތަނުން ހައްލުވެގެން ދިޔައީ އެސްޓޭޓް ސެކިއުރިޓީގެ ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކަމަށާއި، މީގެ ސަބަބުން މުޅި އެއާޕޯޓަށް ފަސޭހަތަކެއް ލިބިގެން ގޮސްފައިވާކަން ސީއީއޯ ޝަރީފް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އަހުލާގާއި، އިހުތިރާމާއި ގާބިލުކަން އެންމެ ފުރިހަމައަށް ފެންނަ އެއް ޑިޕާޓްމަންޓަކީ އީއެސްއެސް ކަމަށާއި، މިއީ ދެވިފައިވާ ތަމްރީނުތަކުގެ ފުރިހަމަ ނަތީޖާއެއްކަން ފާހަގަކޮށް ޝަރީފް އިތުރަށް ވިދާޅުވީ، އެމްއޭސީއެލްގެ ކޮންމެ މުވައްޒަފަކީ ވެސް ކަމަށް ކަމޭހިތާ، އެކަކު އަނެކަކަށް އިޙްތިރާމްކުރަން ދަންނަ ބަޔަކަށް ހެދުމަކީ އެމްއޭސީއެލްއިން އުފައްދާފައިވާ އޭވިއޭޝަން އިންސްޓިޓިއުޓްގެ އަމާޒެއްކަމަށެވެ.

އޭވިއޭޝަން އިންސްޓިޓިއުޓް މޯލްޑިވްސްގެ ސެޓްފިކެޓް 3 އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އެމްއޭސީއެލް

މި ރަސްމިއްޔާތުގައި އެއިމްގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު އާދަމް ނަސީރު ވިދާޅުވީ، މުސްތަގްބަލުގައި މި އިންސްޓިޓިއުޓްގެ ފަރާތުން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ގަބޫލުކުރާ ޑިޕްލޮމާ ފެންވަރުގެ ކޯސްތައް ހިންގުމަށް ރާވާފައިވާ ކަމަށާއި، ތަޢުލީމީ ގޮތުން އެމްއޭސީއެލްގެ މުވައްޒަފުންނަކީ ގާބިލު ބަޔަކަށް ހެދުމުގެ ލަނޑުދަނޑި ހާސިލްކުރުމަށް ކުރިއަށް ދާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

މީގެ އިތުރުުން ވެސް މި ރަސްމިއްޔާތުގައި ސީއީއޯ ވަނީ އީއެސްއެސްގެ އަހަރީ ކަލަންޑަރު ރަސްމީކޮށް އިފްތިތާހުކޮށްދެއްވާފައެވެ. އަދި، އެމްކިއުއޭ ގެ އެޕްރޫވަލް ސެޓްފިކެޓް އޭވިއޭޝަން އިންސްޓިޓިއުޓް މޯލްޑިވްސް (އެއިމް) ގެ ފަރާތުން ސީއީއޯ އިބްރާހިމް ޝަރީފަށް ވަނީ އަރުވާފައެވެ.