އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ކެތު ލެބުގެ ހިދުމަތް 4 މަސް ދުވަހުގެ ތެރޭގައި ފެށޭނެކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ކެތުލެބުގެ މަސައްކަތްތަކާ ގުޅޭގޮތުން، ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ލިޔުމުން ޖަވާބު ހޯދުމަށް ކުރި ސުވާލަށް ޖަވާބުދެއްވަމުން ނާޒިމް ވިދާޅުވީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ކެތު ލެބު ގާއިމުކުރުމަށް، އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، މެޝިނަރީސް އިންސްޓޯލް ކުރުމާ ގުޅުންހުރި މަސައްކަތްތަކުގެ 98 ޕަސެންޓް މަސައްކަތް ނިމިފައިވާކަމަށެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ގާއިމުކުރާ ކެތުލެބު ފުރިހަމަ ކުރުމަށް ގޮތުން އެތަން ހިންގާ ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް މިހާރު އިއުލާންކުރެވިފައިވާކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި ކެތު ލެބު ހިންގަން ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން ހޮވާލެވޭ ފަރާތުގެ ޕްރޮޕޯސަލް ހޯދައި އެ ފަރާތަކާ ކެތުލެބު ހިންގުމުގެ ކަންކަން ހަވާލުކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ގާއިމުކުރާ ކެތު ލެބު ފަސް އަހަރުގެ މުއްދަތަށް މެނޭޖްކޮށް އޮޕަރޭޓުކޮށްދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓަރީން އިއުލާންކޮށްފައިވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ.