ވޭލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން މަތިންދާ ބޯޓުތަކަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަމުން ގެންދާ މަސައްކަތުގެ ދަށުން "ޓޯ-ބާލެސް" ޓްރަކްގެ ހިދުމަތް ފެށުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ތައްޔާރު ވެއްޖެއެވެ.

އެމްއޭސީއެލް އިން ބުނީ، ޓީޕީއެކްސް–200 އެމްޓީއެކްސް މޮޑެލްގެ މި ޓްރަކްއަކީ، މިހާރު ވައިގެ ސިނާއަތުގައި މަތިންދާ ބޯޓުތަކަށް ހިދުމަތް ދިނުމުގައި ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން މަތީ ފަންތީގައި ފާހަގަކޮށްލެވޭ އަދި އަވަސް ހިދުމަތެއް ދެވޭނެ ގާބިލުކަން ލިބިފައިވާ ޓްރަކެއް ކަމަށެވެ. މި ޓްރަކް ވީއައިއޭގެ ގްރައުންޑް އޮޕަރޭޝަންގައި ބޭނުންކުރަން ފެށުމާއެކު، އޮޕަރޭޝަނަލް އެފިޝިއަންސީ 60 ޕަސެންޓަށް އިތުރުވެ، މަތިންދާ ބޯޓުތައް އަވަހަށް ފުރުވުމަށް އަދި އެއްތަނުން އަނެއް ތަނަށް ގެންދިޔުމަށް ކުރާ މަސައްކަތް އަވަސް ވެގެންދާނެ ކަމަސް އެ ކުންފުނިން ބުނެއެވެ.

މިއީ ޒަމާނީ ބަދަލުތަކާއެކު ތަރައްގީވަމުން އަންނަ އެއާޕޯޓްތައް ކަމަށްވާ ދުބާއީ، އަބޫދާބީ އަދި ސިންގަޕޫރުގެ އިތުރުން ވިލާތުގެ ކުރިއަރާފައިވާ އެއާޕޯޓްތަކުގައި ބޭނުންކުރާ ޒަމާނީ ޓްރަކެއް ކަމަށް އެމްއޭސީއެލް އިން ބުނެއެވެ. މިހާރު ބޭނުންކުރާ މިފަދަ ޓްރަކްތަކާއި ހިލާފަށް މި މޮޑެލްގެ ޓްރަކް އޮޕަރޭޓްކުރާ ޑްރައިވަރަށް ވަށައިގެންވާ މާހައުލު ސާފުކޮށް ފެންނާނެއެވެ. ހަމައެއާއެކު ކޯޑް ސީގެ މަތިންދާ ބޯޓުން ފެށިގެން ކޯޑް އީގެ ހުރިހާ މަތިންދާ ބޯޓްތަކަށް ވެސް މި ޓްރަކްއިން ހިދުމަތް ދެވޭނެއެވެ. މިއީ، މަރާމާތުކުރަން ޖެހޭ ނިސްބަތާއި ހިންގުމުގެ ހަރަދު ކުޑަ ޓްރަކެއް ކަމަށް ވެސް އެމްއޭސީއެލް އިން ބުނެއެވެ.

ޓޯބާލެސް ޓްރަކް

މި ޓްރަކް ބޭނުންކުރަން ފެށުމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވަމުން، ހެޑް އޮފް ރޭމްޕް ސާވިސަސް އަލީ ޝަރީފް ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަމުން އަންނަ އިރު، މަތިންދާ ބޯޓުތަކަށް ހިދުމަތް ދޭ އުޅަނދުތަކަކީ ވެސް ފަހުގެ ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކުރާ، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ އަވަސް ހިދުމަތްތަކެއް ދޭ އުޅަނދުތަކަށް ހެދުމަށް އެމްއޭސީއެލްއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން މިޓްރަކްއާއެކު މަތިންދާ ބޯޓު ފުރުވާލުމަށް ހޭދަވާ ވަގުތު އަވަސްވެ އަދި ރައްކާތެރި ހިދުމަތެއް ދެވޭނެކަމަށް އަލީ ޝަރީފް ވިދާޅުވިއެވެ.

އެމްއޭސީއެލްއިން މިހާރު ވަނީ މި ޓްރަކް އޮޕަރޭޓްކުރުމަށް ހާއްސަ 8 އޮޕަރޭޓަރުން ތަމްރީންކޮށްފައެވެ. މިވަގުތު ކުރަމުން އަންނަނީ ޓްރަކް އޮޕަރޭޓްކުރުމަށްޓަކައި ހަދާ ރިސްކް އެސެސްމަންޓުގެ މަސައްކަތްތަކެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން ދަނީ މަތިންދާ ބޯޑުތަކަށާއި ފަސިންޖަރުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އާ ޓާމިނަލްގެ މަސައްކަތް ނިންމާ ހުޅުވުމަށް ވާންޖެހޭ ތައްޔާރީތައް ބާރު ދުވެލީގައި ދަނީ ކުރަމުންނެވެ.