ޔޫޓިއުބްގައި ގިނަ ވިއުސް ހޯދުމަށް ގަސްތުގައި މަތިންދާބޯޓެއް ވައްޓާލި ކަމަށް ޔޫޓިއުބާ ޓްރެވާ ޖެކޮބް، 29 އެއްބަސް ވެއްޖެއެވެ.

2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު މަތިންދާބޯޓު ވެއްޓުނު މަންޒަރު ފެންނަ ވީޑިއޯ ޔޫޓިއުބަށް ޕޯސްޓްކޮށްފައި ވާއިރު، އެއީ ހިނގި އެކްސިޑެންޓެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. އެ ވީޑިއޯއަށް މިހާތަނަށް 2.9 މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފައި ވެއެވެ.

ޕްލީ އެގްރީމެންޓެއްގައި އޭނާ ބުނީ އެ ވީޑިއޯ ކުރީ ޕްރޮޑަކްޓް ސްޕޮންސާޝިޕް އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އުމުރުން 29 އަހަރުގެ ޕައިލެޓާއި ސްކައިޑައިވަރު ވަނީ ފެޑެރަލް ތަހުގީގަށް ހުރަސް އެޅުމުގެ މަގްސަދުގައި ޖަންގަލި ހަލާކު ކުރުމާއި ސިއްރު ކުރުމުގެ ކުށުގެ އެއް ކުށަށް އިއުތިރާފުވާން އެއްބަސްވެފައި ކަމަށެވެ. އަދި އޭނާގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޖެކޮބް ކެލިފޯނިއާގެ ސެންޓާ ބާބަރާ އެއާޕޯޓުން ސޯލޯ ފްލައިޓެއްގައި ފުރީ މަތިންދާބޯޓުގައި ކެމެރާ ހަރުކޮށްގެންނެވެ. ކެމެރާތަކާ އެކު ޖެކޮބް ވަނީ އޭނާއާއެކު ޕެރަޝޫޓެއްގެ އިތުރުން ސެލްފީ ސްޓިކެއް ވެސް ގެންގޮސްފައެވެ.

ޔޫޓިއުބާ ޓްރެވާ ޖެކޮބް މަތިންދާބޯޓުން ފުންމާލަނީ

ކެލިފޯނިއާގެ ސެންޓްރަލް ޑިސްޓްރިކްޓަށް ކަނޑައަޅާފައިވާ އެމެރިކާގެ އެޓާނީ އޮފީހުން ބުނީ މަންޒިލަށް ދިއުމުގެ ވިސްނުމެއް ޓްރެވާ ނުގެންގުޅޭ ކަމަށާއި އޭގެ ބަދަލުގައި އޭނާ ރާވާފައި ވަނީ ދަތުރުގެ ތެރެއިން މަތިންދާބޯޓުން އޭނާ ބޭރުވެ، މަތިންދާބޯޓު ވެއްޓޭ މަންޒަރު ޕެރަޝޫޓްގައި އޮވެގެން ވީޑިއޯ ކުރުމަށް ކަމަށެވެ.

މި މަތިންދާބޯޓު ވެއްޓުނީ ބޯޓު ނައްޓާލިތާ 35 މިނެޓު ފަހުން، ލޮސް ޕެޑްރެސް ނޭޝަނަލް ފޮރެސްޓް ތެރެއަށެވެ. އޭގެ ފަހުން އޭނާ ވަނީ އެ ސަރަހައްދަށް ހިނގާފައިގޮސް، ވީޑިއޯ ފުޓޭޖުތައް ހޯދާފައެވެ.

ޔޫޓިއުބްގެ ބައެއް ބެލުންތެރިން ވަނީ ބޯޓު ވެއްޓުމާ މެދު ޝައްކު އުފެދޭ ކަމަށާއި، ރައްކާތެރި ކަމާއެކު މަތިންދާބޯޓު ޖައްސަން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަން ފާހަގަ ކޮށްފައެވެ.

އޭނާ މި ހާދިސާގެ މައުލޫމާތު ނެޝަނަލް ޓްރާންސްޕޯޓް ސޭފްޓީ ބޯޑަށް ދިން އިރު، އެ ބޯޑުން ބުނެފައި ވަނީ ބޯޓު ވެއްޓުނު ސަރަހައްދުތަކަށް ލިބުނު ގެއްލުމުގެ ޒިންމާ އޭނަ އުފުލަން ޖެހޭނެ ކަމަށް ބުނެފައެވެ. ޕްލީ އެގްރީމެންޓުގައިވާ ގޮތުން ޓްރެވާ ފަހުން ބުނެފައިވަނީ ބޯޓު ވެއްޓުނީ ކޮން ސަރަހައްދަކަށް ކަން އޭނާއަށް ނޭނގޭ ކަމަށް ބުނެފައެވެ.

އޭނާގެ ޕައިލެޓްގެ ލައިސަންސް މިދިޔަ އަހަރު ވަނީ ބާތިލްކޮށްފައެވެ.